ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ ރައީސް މުއިއްޒުގެ އަހުލާގީ މައްސަލަތަކެއްގެ ތުހުމަތުކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއާ ގުޅިގެން، އެ ވާހަކަ ފެތުރުން މަނާކޮށް ކޯޓުން ނެރުނު 'ގެގް އޯޑަރާ' ހިލާފަށް ހަބަރެއް ލިޔުނު ކަމަށް ބުނެ ބަލާ މައްސަލައެކެވެ. ލީވާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
ކްރިމިނަލް ކޯޓުން ލީވާަނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، އޭނާ ހާޒިރުކުރަނީ އޭނާ ލިޔުނު ހަބަރަކީ ކޯޓު އަމުރާ ހިލާފަށް ލިޔެފައިވާ ހަބަރެއްތޯ ބެލުމަށެވެ. މި މައްސަލަ ބެލުމަށްޓަކައި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން މިހާރު ވަނީ ތިން ގާޒީންގެ މަޖިލީހެއް އެކުލަވާލާފައެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އިބްރާހީމް އިހުސާން، ގާޒީ އަލީ ނަދީމް އަދި ގާޒީ ސަފްއަތު ހަބީބެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، 'އައިޝާ' ޑޮކިއުމަންޓަރީ ދައުރު ނުކުރުމަށާއި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ޑޮކިއުމަންޓަރީގައި ދައްކާފައިވާ ވާހަކަތައް ނުދެއްކުމަށް އަންގާފައެވެ. މި އަމުރު ނެރުނީ 'އަދަދު' ނޫހުގެ އިސް ދެ އެޑިޓަރުންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، ޕީޖީ އޮފީހުން އެދިގެންނެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅިގެން މިހާތަނަށް ތިން މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީސް ވެސް ރެއިޑްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
