ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓަރީގެ އެއްވެސް ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކުން މަޖިލީހުގެ ރިޔާސަތުން މިއަދު މަނާކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނިންމެވުން ނިންމެވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. ނާޒިމް މިގޮތަށް އެންގެވީ، އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކާ ގުޅޭގޮތުން ހުށަހެޅި ގަރާރަކަށް ބަހުސްކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އެ ޑޮކިއުމަންޓަރީގެ ވާހަކަ ފެއްޓެވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ނެންގެވި ނިޒާމީ ނުކުތާއެއް ބަލައިގަނެ، ނާޒިމް ވިދާޅުވީ އެ ޑޮކިއުމަންޓަރީގެ މައްސަލައަކީ މިހާރު ކޯޓުގައި ހިނގަމުންދާ (sub-judice) މައްސަލައަކަށް ވާތީ، އެއާ ބެހޭގޮތުން މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށެވެ. މިއީ ކުރީގެ ރިޔާސަތުތަކުން ވެސް އަމަލުކޮށްފައިވާ އުސޫލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރިޔާސަތުގެ މި ނިންމުމަށް މެންބަރު މީކާއިލް ވަނީ ވަރަށް ބޮޑަށް ރައްދުދެއްވާފައެވެ. މީކާއިލް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާނެ ވާހަކައެއް ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާކަން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ޑޮކިއުމަންޓަރީ ދައުރުކުރުމާއި އޭގައިވާ ވާހަކަތައް ދެއްކުން މަނާކޮށް އާންމު އަމުރެއް ނެރެފައެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު މިވަނީ އެ އަމުރަށް ރިއާޔަތްކޮށް މަޖިލީހުގެ ތަޅުމުގައި ވެސް އެ ވާހަކަ ދެއްކުން ހުއްޓުވާފައެވެ.