ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަންގެ މުމްބާއީގެ ގެ، 'ޖަލްސާ' ބޭރަށް އޭނާ ދެކިލުމަށް އެއްވާ ސަޕޯޓަރުންނަށް އޯގާތެރިކަމާއި އިހުތިރާމާއެކު މުއާމަލާތްކުރުމަށް އޭނާގެ ސެކިއުރިޓީ ޓީމަށް އަމީތާބް އިރުޝާދު ދީފިއެވެ.
މިދިޔަ އާދީއްތަ ދުވަހު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށްފަހު، މެއި 11، ގައި އަމީތާބްގެ ބްލޮގްގައި ހިއްސާކުރި މެސެޖެއްގައި ބުނީ، އޭނާ ދެކިލުމަށްޓަކައި އެތައް ގަޑިއިރެއް ވަންދެން ހޫނު އަވީގައި މަޑުކޮށްގެން ތިބޭ ސަޕޯޓަރުންނަށް ދެރަގޮތެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، "ޖަންތާ ޖަނާރްދަން" ކަމަށް ބުނެ، ސެކިއުރިޓީގެ އަމަލުތައް ހުންނަންވާނީ އޭނާގެ އަމިއްލަ އަހުލާގާއި ލޯބި ރަމްޒުކޮށްދޭ ގޮތަށް ކަމަށް އޭނާ ވަނީ ސެކިއުރިޓީއަށް އަންގާފައެވެ.
އަމީތާބް ސިފަކުރި ގޮތުގައި އެ ސަޕޯޓަރުންނަކީ އޭނާގެ ފަޚުރާއި، ބާރާއި، އަދި މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އޭނާގެ ސަޕޯޓަރުންނަށް އަމީތާބް މުހާތަބުކުރަނީ އޭނާގެ "އެކްސްޓެންޑެޑް ފެމިލީ" ނުވަތަ އާއިލާގެ ބައެއްގެ ގޮތުގައެވެ.
އުމުރުން 80 ގެ އަހަރުތައް ގުނަމުންދާ އަމީތާބްގެ މި އޯގާތެރި އަމަލަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. އޭނާ މިހާރު ވެސް ދަނީ ފިލްމީ މަސައްކަތްތަކުގައި ބުރަކޮށް އުޅެމުންނެވެ. އެގޮތުން "ކަލްކީ 2898 އޭޑީ" ގެ ސީކުއަލްގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
