ފިލްމީ ސެޓެއްގައި މަސައްކަތްކުރި އާ އެކްޓަރަކަށް އިހާނެތިކޮށް ހިތައި، ކެއުމުގެ ތަފާތުކުރުން ގެންގުޅުނު މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކަންނާ "އަލިފާން ފަރުބަދައެއް" ފަދައިން ރުޅިގަދަވި ހާދިސާއެއް ފެންމަތިވެއްޖެއެވެ.

މި ވާހަކަ މީޑިއާއަށް ހިއްސާކުރީ އެ ފިލްމުގައި މަސައްކަތްކުރި އެކްޓަރު އަމީތު ބެހްލްއެވެ. އޭނާ ކިޔައިދިން ގޮތުގައި، މި ހާދިސާ ހިނގީ ފިލްމުގެ މައިގަނޑު ކާސްޓުންނަށް ހާއްސަކޮށްފައިވާ ބުފޭއަކުން، ކުޑަ ރޯލެއް ކުޅޭ އެކްޓަރަކު ކާން އިށީނުމުންނެވެ. އެ ވަގުތު ޕްރޮޑަކްޝަން ޓީމުގެ މީހަކު އައިސް، އެއީ އޭނާ ކާން ހަމަޖެހިފައިވާ ތަން ނޫން ކަމަށް ބުނެ، އެންމެންގެ ކުރިމަތީގައި އޭނާ ދެރަކޮށްލިއެވެ.

އާންމުކޮށް މަޑުމައިތިރިކޮށް އުޅޭ އަކްޝޭ ކަންނާއަށް މި މަންޒަރު ފެނުމާއެކު، އޭނާ ވަނީ ވަގުތުން އެކަމާ ދެކޮޅަށް ތެދުވެފައެވެ. އަމީތު ބުނި ގޮތުގައި، އަކްޝޭ ވަނީ ޕްރޮޑަކްޝަން ޓީމާއި ޕްރޮޑިއުސަރުގެ ކުރިމަތީގައި އިންސާނީ ކަރާމާތާއި އިހުތިރާމާ ބެހޭގޮތުން ވަރުގަދަ ތަގުރީރެއް ދީފައެވެ.

"ފިލްމެއް ކާމިޔާބުވަނީ ކާނާގެ ތަށިތަކުގެ އަދަދަކުން ނޫން. ފިލްމެއް ހެދެނީ މީހުންގެ ހެޔޮ ދުއާއިން،" އަކްޝޭ ބުނި ކަމަށް އަމީތު ބެހްލް ކިޔައިދިނެވެ.

އަކްޝޭގެ މި އަމަލުގެ ސަބަބުން ސެޓުގައި ތިބި އެންމެން ހައިރާންވި ނަމަވެސް، އެކަމުން އޭނާގެ ހިތްހެޔޮކަމާއި އިންސާނިއްޔަތުކަން ހާމަވެގެންދިޔަ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ހާދިސާ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ދަނީ އަކްޝޭ ކަންނާގެ މި ހިތްވަރުގަދަ ނިންމުމަށް ތައުރީފު ކުރަމުންނެވެ. އޭނާއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ، އަދި ބޮލީވުޑްގެ ތަފާތުކުރުންތަކާ ދެކޮޅަށް ވާހަކަދައްކާ މަދު އެކްޓަރުންގެ ތެރެއިން އެކަކެވެ.