އިލެކްޝަންސް ކޮމިޝަނުގެ (އީސީ) މެންބަރުކަމުގެ މަޤާމެއް ހުސްވުމާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މި ފުރުޞަތު ހުޅުވާލީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު، މި މަހުގެ 1 ވަނަ ދުވަހު އެ މަޤާމުންނާއި ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ޖޫން 3، 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެ ކަމަށް އެ އޮފީހުން ބުނެއެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ފޯމުތައް ޑައުންލޯޑް ކުރެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުން މިވަގުތު ކޮމިޝަނުގައި ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް އަދި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.
ކޮމިޝަނުގެ ރައީސްގެ މަޤާމު މިވަގުތު ހުސްކޮށް އޮތްއިރު، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ކޮމިޝަނުގެ މެންބަރުން ހަމަވުމުން، އެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
