ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންގައިފިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ދެކުނާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ކުރިއަށް އޮތް ވަގުތުތަކުގައި 5 ފޫޓާއި 8 ފޫޓާ ދެމެދުގެ އުސްމިނަކަށް އުފުލޭނެއެވެ. އަދި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ:

* ދެކުނާއި މެދުރާއްޖެތެރެ: ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު.

* އުތުރުގެ އަތޮޅުތައް: ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު.

* ވިލާގަނޑުގައި: ގަޑިއަކު 45 މޭލާއި 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.