ޞިއްޙީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ޤަބޫލުކޮށް، އެ ދާއިރާގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ޚިދުމަތާއި އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން، ބަލިމީހުންނަށް އުފާވެރިކަމާއި، ޢާއިލާތަކަށް އުންމީދު، އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިޢާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، މިއީ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެއް ކަމަށެވެ. މީގެ ތެރޭގައި މަސައްކަތްކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމާއި، އިތުރަށް ތަޢުލީމު ހާސިލްކޮށް ލީޑަޝިޕްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނަރުހުން ކުރައްވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށާއި، އޯގާތެރިކަމާއި އަނެކުންނަށް އަޅާލުމުގައި ދައްކަވާ ނަމޫނާ ސާބިތުކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ނަރުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.