'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން މުހައްމަދާއި ލީވާން އަލީ ނާސިރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ އަދުލުވެރި ޝަރީއަތަކުން ކުރި ހުކުމެއްތޯ ސުވާލު އުފައްދައި، ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ލީވާން އާއި ޝަހުޒާން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އެ ޖަމިއްޔާއިން ބުނީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވުމަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަދުލުވެރި ޝަރީއަތެއް ހޯދުމުގެ ހައްގު ލިބިދީފައިވޭތޯ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށެވެ.
ޓްރާންސްޕޭރަންސީން ސިފަކުރި ގޮތުގައި، މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުމަށް އޮންނަ ބާރު ކެނޑިގެންދާނެއެވެ. މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ކްރިމިނަލް ކޯޓުން ޝަހްޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ރައީސް މުއިއްޒާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ.
މި ދެ ނޫސްވެރިންގެ މައްސަލައަކީ ވެސް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ކުރާ ތުހުމަތުތަކާ ގުޅުންހުރި މައްސަލަތަކެކެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް "ގޭގް އޯޑަރެއް" ވެސް ނެރެފައެވެ.
