ހަނގުރާމާވެރި ޖަމާއަތެއް ކަމަށްވާ އަލްގައިދާއާއި ގުޅުން ހުރި ދެ މީހަކު އިންޑިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް އެންޓި ޓެރަރިޒަމް ސްކޮޑް (އޭ.ޓީ.އެސް) އިން ބުނެފިއެވެ.

އޭ.ޓީ.އެސް އިން ބުނީ އިންޑިއާ އިން ހައްޔަރު ކުރި އަލްގައިދާއާ ގުޅުން ހުރި މީހުން ހައްޔަރުކުރީ ޖާނުން ފިދާވުމުގެ ހަމަލާއެއް ރާވަމުން ދަނިކޮށެވެ.

ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި މި މީހުން ހައްޔަރު ކުރީ އުއްތަރަ ޕްރަދޭޝްގެ ފުލުހުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރު ކޮށްފައިވަނީ މިންހާޒް އަހްމަދާއި މަސީރުއްދީން ނަމަކަށް ކިޔާ ދެމީހުންނެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުންގެ ޑިރެކްޓަރު ޖެނެރަލް ޕްރަޝާންތް ކުމާރު ވިދާޅުވީ ހައްޔަރު ކުރެވިފައިވާ ދެ މީހުން ރާވާފައި ވަނީ މާރުކޭޓު ފަދަ އާންމުން ގިނައިން އެއްވެ އުުޅޭ ތަންތަނުގައި ޖާނުންފިދާވުމުގެ ހަމަލާ ދޭށެވެ. އެގޮތުން އެމީހުންގެ މައި އަމާޒަކަށް ވެފައިވަނީ ލަކްނޫ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިންސާނެއްގެ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ގޮއްވާލަން ރާވާފައިވާއިރު އެކަމަށް ބޭނުންވާނެ ތައްޔާރީތައްވެސް އެމީހުން ވަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ކުރި ތަހުގީގުގެ ތެރެއިން ގޮވާ ތަކެތި ކަމަށް ބެލެވޭ ސާމާނުތަކެއްވަނީ ފެނިފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން، އިންޑިޔާގެ ބައެއް އާންމުން ދަނީ ޕާކިސްތާނަށް މިކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.