ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެ، އެކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އދ. އިން ދީފިއެވެ.
މިކަމާ ގުޅޭގޮތުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން، ކުރިމަތިވެދާނެ އިންސާނީ ކާރިސާއަކުން ސަލާމަތްވުމަށް އދ. އިން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ އިސްވެރިޔާ ހޯރްހޭ މޮރޭރާ ދަ ސިލްވާ ވިދާޅުވީ، ގަސްކާނާ އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ ސަބަބުން އެތައް ދިހަ މިލިއަން ބަޔަކަށް ކާބޯތަކެތި ނުލިބުމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ދަ ސިލްވާ ވިދާޅުވީ، މި ބޮޑު އިންސާނީ ކާރިސާއިން ސަލާމަތްވުމަށްޓަކައި މިހާރު އޮތީ އެންމެ މަދު ހަފުތާތަކެއް ކަމަށެވެ.
"ކުރިމަތިވެދާނެ ބޮޑު އިންސާނީ ކާރިސާއަކުން ސަލާމަތްވުމަށް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ މަދު ހަފުތާތަކެއް،" ހޯމަ ދުވަހު ދެއްވި ބަސްދީގަތުމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގަކަށްވާއިރު، އެ ސަރަހައްދުން ގަސްކާނާ ފަދަ ތަކެތި އުފުލުމަށް ހުރަސް އެޅުމަކީ ދުނިޔޭގެ ދަނޑުވެރިކަމަށް ބޮޑެތި ލޮޅުންތަކެއް އަރައި، ކާބޯތަކެތީގެ އަގު އުފުލި، ގިނަ ބަޔަކު ބަނޑަށް ޖެހުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް އދ. ގެ ޓާސްކް ފޯހުން ބުނެއެވެ.
އދ. އިން މިހާރު މަސައްކަތް ކުރަމުން ދަނީ މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށްޓަކައި، ކަނޑުއޮޅި މެދުވެރިކޮށް ގަސްކާނާ އުފުލުމުގެ ފުރުސަތު ވީހާވެސް އަވަހަކަށް ފަހިކޮށްދިނުމަށެވެ. ނޫންނަމަ، މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މޮރޭރާ ދަ ސިލްވާ ވަނީ އިންޒާރު ދެއްވާފައެވެ.
