ސުކޭޝް ޗަންދުރަޝޭކަރްއާ ގުޅޭ 200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑަރިން މައްސަލައިގައި ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ކުރިއަށް ގެންދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
މިގޮތަށް ނިންމީ ދައުލަތުގެ ހެކިވެރިއަކަށް ވުމަށް އޭނާ ކޯޓަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. މީގެ ކުރިން އޭނާ ވަނީ މި މައްސަލައިގައި މައުލޫމާތު ދޭ ހެކިވެރިއަކަށް ވާން އެދިފައެވެ.
އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އިން ބުނާ ގޮތުގައި ޖެކްލިން އާއި އޭނާގެ އާއިލާއަށް ސުކޭޝްގެ ފަރާތުން ވަނީ އަގުބޮޑު ގިނަ ހަދިޔާތަކެއް ލިބިފައެވެ. މި ހަދިޔާތަކަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއިން ގަނެފައިވާ ތަކެތި ކަމަށް އީޑީން ތުހުމަތުކުރެއެވެ. އަދި ސުކޭޝް އަކީ ކުށްވެރިއެއްކަން އެނގިހުރެ ވެސް ޖެކްލިން އޭނާއާ ގުޅުން ބޭއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ހެކިވެރިއަކަށް ވުމުގެ ފުރުސަތު ދޫކޮށްލުމުން، ދެން ޖެކްލިންއަށް ޖެހޭނީ ދައުވާ ލިބޭ މީހެއްގެ ގޮތުގައި ކޯޓުގައި ޖަވާބުދާރީވާށެވެ. މި މައްސަލައަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ. ޖެކްލިންގެ މައްޗަށް މިހާރު އޮތް ތުހުމަތުތަކާ އެކު އޭނާގެ ފެޝަން އަދި ފިލްމީ މަސައްކަތްތަކަށް ވެސް މީގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.
