އިނގިރޭސި ވިލާތުގެ މިލިއަނަރެއް ކަމަށްވާ ރިޗަޑް ބްރެންސަން، ޖައްވަށް ދަތުރުކޮށް މިބިމުގެ ވައްބުރު ބައްޓަން ހަމަލޮލުން ދެކިލުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިފިއެވެ.
ވިޔަފާރި އުސޫލުން މަދަނީ ޖައްވީ ދަތުރުތައް ފެށުމަށް އުފެއްދި އޭނާގެ އަމިއްލަ ކުންފުނި، ވާޖިން ގެލެކްޓިކް ކުންފުނީގެ ވީއެސްއެސް ޔުނިޓީ ކިޔާ ޖައްވީ އުޅަނދުގައި މި ބިމުން ފުރައިގެން މައްޗަށް ދަތުރުކޮށް، މިބިމުގެ ވައިގެ ފަށަލައިން ބޭރަށް ނުކުމެ، ބިމުން ފެށިގެން 85.9 ކިލޯމީޓަރު މައްޗަށް ދަތުރުކުރި އެވެ.
އެ އުޅަނދު ޖައްވުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު، އެނބުރި ބިމަށް ތިރިކުރީ، ދަތުރަށް ފުރިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ.
ވީއެސްއެސް ޔުނިޓީ މި ބިމުން ފުރީ، ފިޔަގަނޑެއް ހަރުކޮށްފައިވާ ހާއްސަ މަތިންދާބޯޓެއްގައި ހަރުކޮށްގެންނެވެ. އެ މަތިންދާބޯޓުން ވީއެސްއެސް ޔުނިޓީ ވަކިކޮށްލީ ބިމުން ފެށިގެން 45،000 ފޫޓު މައްޗަށް އެރުމަށް ފަހުގައެވެ.
މި ދަތުރުގައި ބްރެންސަންއާއި އެކު އިތުރު 6 މީހަކު ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޕައިލެޓުންނާއި ހަތަރު މިޝަން ސްޕެޝަލިސްޓުންނާއި ބްރެންސަން އެވެ.
މިކާމިޔާބީއާ ހިސާބަށް އައުމަށްޓަކައި 17 އަހަރު ވަންދެން ބުރަ މަސައްކަތް ކުރިކަމަށާއި ވާޖިން ގެލެކްޓިކް ޓީމުގެ ހުރިހާ އެންމެންނަށް މަރުހަބާ ކިޔާކަމަށް ބްރެންސަން ވަނީ ބުނެފައެވެ.
މިހާރު ޖައްވަށް ދިއުމަށް ކުރާ ހަރަދަށް ވުރެ ކުޑަ ހަރަދެއްގައި ޖައްވަށް ދިއުމުގެ ބޭނުމުގައި، ބްރެންސަން އޭނާގެ ވާޖިން ގެލެކްޓިކް ކުންފުނި އުފެއްދީ 2004 ވަނަ އަހަރު އެވެ. އިއްޔެގެ މި ދަތުރަކީ ވާޖިން ގެލެކްޓިކް ކުންފުނިން ޖައްވަށް ކުރި އަޖުމަ ބެލުމުގެ 22 ވަނަ ދަތުރެވެ. އަދި އިންސާނުން ގޮވައިގެން ޖައްވުގެ ތެރެއަށް ކުރި ހަތަރު ވަނަ ދަތުރެވެ.
އެ އުޅަނދުން ފަތުރުވެރިން އުފުލުމުގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރުވެސް އެ ދަތުރުތަކުގައި ބައިވެރިވުމަށް މީހުން އަންނަނީ ނަންނޯޓު ކުރަމުންނެވެ.
