ފްރާންސްގެ ރައީސް އިމަނުއަލް މެކްރޮންގެ އަނބިކަނބަލުން ބްރިޖިޓް މެކްރޮން، ރައީސްގެ މޫނުމަތީގައި ޖެއްސެވި ކަމަށްޤ ބުނާ ހާދިސާގެ އަސްލަކީ ރައީސް މެކްރޮން އިރާނުގެ ބަތަލާއަކަށް ފޮނުއްވި މެސެޖުތަކެއް ކަމަށް އާ ފޮތެއްގައި ތުހުމަތުކޮށްފިއެވެ.
ނޫސްވެރިޔާ ފްލޯރިއަން ޓާޑިފް ލިޔެފައިވާ މި ފޮތުގައި ބުނާ ގޮތުން، 2025 ވަނަ އަހަރު ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅުގައި ހިނގި މި ހާދިސާއަކީ ހަސަދަވެރިކަމެއްގެ ނަތީޖާއެވެ.
މި ފޮތުގައިވާ ގޮތުން، ރައީސް މެކްރޮން ވަނީ އިރާނާއި ފްރާންސަށް ނިސްބަތްވާ ބަތަލާ ގޮލްޝިފްތޭ ފަރަހާނީއަށް ފޯނުން މެސެޖުތަކެއް ފޮނުއްވާފައެވެ. އޭގެ ތެރެއިން އެއް މެސެޖެއްގައި ބަތަލާއަކީ ވަރަށް ރީތި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ފޮތުގައި ބުނެއެވެ. ބްރިޖިޓް މެކްރޮން ކޯފާވީ މި މެސެޖުތައް އޭނާއަށް ފެނުމާ ގުޅިގެން ކަމަށާއި، ބޯޓުން ފައިބައިވަޑައިގަންނަވަނިކޮށް ރައީސްގެ މޫނުމަތީގައި ޖެއްސެވި ކަމަށް ބުނާ ވީޑިއޯއަކީ މި ކޯފާގެ ސަބަބުން ހިނގި ކަމެއް ކަމަށް ނޫސްވެރިޔާ ތުހުމަތުކުރެއެވެ.
އެހެންނަމަވެސް، ބްރިޖިޓް މެކްރޮންގެ ފަރާތުން މި ވާހަކަތައް ވަނީ ކަނޑައެޅިގެން ދޮގުކޮށްފައެވެ. ބްރިޖިޓްގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނީ އޭނާއަކީ ދުވަހަކުވެސް ފިރިކަލުންގެ ފޯނު ބައްލަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެލީޒޭ ޕެލަސްއިން ކުރިން ބުނެފައިވަނީ އެއީ ދެމަފިރިންގެ މެދުގައި ހިނގި ސަމާސާ ކަމެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މިހާރު ދަނީ ބޮޑު ބަހުސެއް ކުރެވެމުންނެވެ.
