ފާއިތުވި 2025 ވަނަ އަހަރުގެ ތެރޭގައި ޑިޖިޓަލް މަކަރާއި ހީލަތް ނުވަތަ ސްކޭމްތަކުގެ ސަބަބުން އިންޑިއާގެ ރައްޔިތުންނަށް 2.5 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާގެ ބޮޑު ގެއްލުމެއް ލިބިފައިވާކަން ހާމަވެއްޖެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި އޮންލައިންކޮށް ފައިސާ ބަދަލުކުރުމުގެ ތެރޭގައި ހިންގާފައިވާ މިފަދަ ޖަރީމާތަކުގެ އަދަދު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ ދިހަ ގުނައަށްވުރެ އިތުރުވެފައެވެ. މިއީ އެ ގައުމުގެ މާލީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވުމާއެކު، އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ އިން މިހާރު ވަނީ މިކަން ހުއްޓުވުމަށް މަސައްކަތް ފަށާފައެވެ.

މި ސްކޭމްތަކުން ކަސްޓަމަރުން ސަލާމަތްކުރުމަށްޓަކައި އާރު.ބީ.އައި އިން ވަނީ ރައްކާތެރިކަމުގެ ހަރުކަށި އައު އުސޫލުތަކެއް އެކުލަވާލަން ހުށަހަޅާފައެވެ. އޭގެ ތެރޭގައި، އެކަކު އަނެކަކަށް ފޮނުވާ 10،000 ރުޕީސްއަށްވުރެ ގިނަ ފައިސާގެ ޓްރާންސެކްޝަންތައް ފޮނުވުމުން، އެ ފައިސާ އަނެއްކޮޅަށް ޖަމާވުމުގެ ކުރިން އެއް ގަޑިއިރުގެ "ޓައިމް ލެގް" ނުވަތަ މަޑުޖެހުމެއް ގެނައުން ހިމެނެއެވެ. މީގެ ބޭނުމަކީ ސްކޭމް ކުރާ މީހުން ކަސްޓަމަރުން ބިރުގަންނަވައިގެން އަވަސްއަވަހަށް ފައިސާ ފޮނުވަން ކުރާ މަޖުބޫރުކަމުން ސަލާމަތްވެ، ވިސްނާލުމަށް ފުރުސަތު ދިނުމެވެ. އަދި އުމުރުން 70 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް، ބޮޑެތި އަދަދުތަކުގެ ފައިސާ ފޮނުވާއިރު އާއިލާގެ އިތުބާރު ހުރި މީހެއްގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ޓެކްނޮލޮޖީގެ އެހީގައި މިކަން ހައްލުކުރުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޭންކުން ވަނީ އާޓިފިޝަލް އިންޓެލިޖަންސް ސޮފްޓްވެއަރއެއް ތައާރަފްކޮށްފައެވެ. މި ސިސްޓަމްގެ އެހީގައި، ސްކޭމްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމަށް ބޭނުންކުރާ ވަގު އެކައުންޓްތައް ރިއަލް-ޓައިމްކޮށް ދެނެގަނެ، ބްލޮކް ކުރެވޭނެއެވެ. މީގެ އިތުރުން، ކުދި އަދަދުތަކުން ސްކޭމްގެ ޝިކާރައަކަށްވާ ކަސްޓަމަރުންނަށް ލިބޭ ގެއްލުމުގެ ވަކި އިންސައްތައެއް ބޭންކުތައް މެދުވެރިކޮށް އަނބުރާ ހޯދައިދޭނެ ބަދަލުގެ ނިޒާމެއްވެސް މިހާރު ދަނީ ރާވަމުންނެވެ. އާރު.ބީ.އައި އިން އުންމީދު ކުރަނީ މި ފިޔަވަޅުތަކާއެކު އިންޑިއާގެ ޑިޖިޓަލް ބޭންކިންގ ނިޒާމަށް އާންމުން ކުރާ އިތުބާރު އަލުން ހޯދޭނެ ކަމަށެވެ.