ލޭގެ ޓެސްޓެއް ހެދުމަށް ނުވަތަ ލޭ ހަދިޔާކުރުމަށްފަހު ބައެއް ފަހަރު ލޭ ނެގި ނާރު ދުޅަވެ، ތަދުވުމަކީ ދިމާވެދާނެ ކަމެކެވެ. މިއީ ސިއްހީ ބަހުރުވައިން ނަމަ "ފްލެބައިޓިސް" އެވެ. ފްލެބައިޓިސް އަކީ ލޭ ހިނގާ ނާރެއްގެ އެތެރޭގެ ފަށަލަ ދުޅަވުމަށް ކިޔާ ނަމެކެވެ. ގިނަ ފަހަރަށް މިއީ ނާރުގެ ތެރެއަށް ކަށި ހަރާއިރު ނާރަށް ލިބޭ ކުޑަ އަނިޔާއެއްގެ ސަބަބުން ނުވަތަ އެތަނުގައި ލޭ ގަނޑުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ފްލެބައިޓިސްގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ލޭ ނަގާ ސަރަހައްދުންނެވެ. އޭގެ ތެރޭގައި ލޭ ނެގި ތަން ނޫފާގަތުން، ދުޅަވުން، އަދި އަތްލުމުން ތަދުވުން ހިމެނެއެވެ. ބައެއް ފަހަރު އެ ސަރަހައްދު އާދަޔާ ހިލާފަށް ހޫނުވެފައި ހުރެދާނެއެވެ. އަދި ނާރުގެ އެ ބައި ހަރުވެ، ރޯނެއް ނުވަތަ ވަަރެއް ފަދައިން ހަމުގެ ދަށުން އިހުސާސް ކުރެވިދާނެއެވެ. މި އަލާމާތްތައް ފެނުމުން ބިރުގަތުމުގެ ބަދަލުގައި، އެއީ އާންމުކޮށް ދިމާވާ ކަމެއްކަން ދެނެގަތުން މުހިންމެވެ.

މިކަން ދިމާވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި، ލޭ ނަގަން ބޭނުންކުރާ ކަށީގެ ސައިޒު ބޮޑުވުން ނުވަތަ ކަށި ހަރާއިރު ނާރަށް ލިބޭ ކުޑަ ޒަޚަމެއް ހިމެނެއެވެ. މީގެ އިތުރުން، ލޭ ނެގުމަށްފަހު އެތަނުގައި ބާރަށް ފިތައިގެން ނުހުރުމުގެ ސަބަބުން ހަމުގެ ދަށަށް ލޭ ފޭދި، އެތަން ދުޅަވުމަކީވެސް ފްލެބައިޓިސްއަށް މަގުފަހިވާ ކަމެކެވެ. މަދު ހާލަތެއްގައި ނޫނީ މިއީ ނުރައްކާތެރި ކަމެއް ނޫން ނަމަވެސް، މީގެ ސަބަބުން ދުވަސްކޮޅަކަށް އުނދަގޫތަކެއް ކުރިމަތިވެއެވެ.

ފްލެބައިޓިސްއަށް ގޭގައި ދެވިދާނެ ފަރުވާތަކެއް ހުރެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ދުޅަވެފައިވާ ތަނުގައި ތާފަނާ ފެނުން ފޮތިގަނޑެއް ތެންމާލުމަށްފަހު އޮބުމަކީ ތަދު ކުޑަކޮށްދީ ލޭ ދައުރުވުން ރަނގަޅުކޮށްދޭނެ ކަމެކެވެ. އަދި އަތް މައްޗަށް އުފުލައިގެން ބޭއްވުމަކީ ދުޅަ ތިރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތަދު މާ ބޮޑުވާނަމަ، ޑޮކްޓަރެއްގެ ލަފާގެ މަތިން ތަދު ކަނޑުވާ ބޭހެއް ބޭނުންކުރެވިދާނެއެވެ. ބައެއް މީހުން ފިނިފެން ނުވަތަ އައިސް ޖައްސައެވެ. ނަމަވެސް އައިސް އަކީ ދުޅަވުމަށްފަހުގައި ނުވަތަ ނޫފާގަތުމަށްފަހުގައި ޖައްސައިގެން އެދެވޭ ނަތީޖާއެއް ނުކުންނާނޭ އެއްޗެއް ނޫނެވެ. އައިސް ޖައްސަން ވާނީ ކަށި ހެރުމަށްފަހު ދުޅަވުން ނުވަތަ ފްލެބައިޓިސްގެ އަލާމާތެއް ފެނުމުގެ ކުރިންނެވެ.

އެހެންކަމުން، ލޭ ނެގުމަށްފަހު ފެންނަ މިފަދަ އަލާމާތްތައް އާންމުކޮށް ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި ރަނގަޅުވާނެއެވެ. ނަމަވެސް، ދުޅަވުން މާ ބޮޑަށް އިތުރުވެ، ހުން އައުން، ނުވަތަ ލޭ ނެގި ތަނުން ދޮސް އައުން ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ. ލޭ ނެގުމަށްފަހު ސިއްހީ އެހީތެރިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު މަގެވެ.

ހަވާލާ: މެޔޯ ކްލިނިކް 2024.