ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޕަލް ވޮޗު އަދި ސެމްސަންގް ގެލެކްސީ ވޮޗުތަކަށް އީސިމްގެ ހިދުމަތް ޓެލެކޮމިއުނިކޭޝަން ކުންފުނި، އުރީދޫން މިއަދު ތައާރަފުކޮށްފިއެވެ.

މި ހިދުމަތާއެކު، ކަސްޓަމަރުންނަށް އެ މީހުންގެ ފޯނު އަތުގައި ނެތް ނަމަވެސް، ސީދާ ސްމާޓްވޮޗު މެދުވެރިކޮށް ފޯނު ކޯލްތަކަށް ޖަވާބުދީ، މެސެޖު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫން ބުނީ، މި ހިދުމަތުގެ ސަބަބުން އެޕަލް އަދި ސެމްސަންގް ގަޑި ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ގުޅުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ބަލައިލުމުގެ އިތުރުން ތަފާތު އެޕްތައް ބޭނުންކުރުމުގެ މިނިވަންކަން ލިބޭނެ ކަމަށެވެ. މިއީ ކަސްރަތު ކުރާއިރު ނުވަތަ ބޭރުތެރޭގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ފޯނު ހިފައިގެން އުޅުމުގެ އުނދަގުލުން ސަލާމަތްކޮށްދޭނެ، ޒަމާނީ ފަސޭހަ ހިދުމަތެކެވެ.

ރާއްޖޭގައި 3ޖީ، 4ޖީ އަދި 5ޖީގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުނީގެ ގޮތުގައި އުރީދޫން އަންނަނީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީސިމްގެ ހިދުމަތް ގެނައުމަކީ، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.