ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު ޑައިވަރުން ތާށިވެފައި ތިބީ ކަނޑުއަޑީގެ ގާތްގަނޑަކަށް 200 ފޫޓު ދިގު ނުރައްކާތެރި ހޮހޮޅައެއްގައި ކަމަށް ބެލެވޭތީ އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއަދު ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑީގައި އޮތް މި ހޮހޮޅަ (ކޭވް) ތެރެއިންނެވެ.
އެމްއެންޑީއެފުން ބުނީ މިއީ ވަރަށް "ހައި ރިސްކް" އޮޕަރޭޝަނެއް ކަމަށާއި، ބާކީ ތިބި މީހުން ހޯދުމަށްޓަކައި ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ޚާއްޞަ ސާމާނު މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. ފެނުނު މީހާގެ ހަށިގަނޑު މިހާރު ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ޣާޒީ ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ރިޕޯޓު މިއަދު މެންދުރު 13:45 ހާއިރު ލިބުމާ ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި ފުލުހުންނާއި، އަލިމަތާ ރިސޯޓުގެ އިތުރުން ސަފާރީތަކުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އެމްއެންޑީއެފުން ބުނީ މި ނުރައްކާތެރި ހޮހޮޅައިގެ ތެރޭގައި ތިބި ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާނެ ކަމަށެވެ.
