ދާއިމީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް، އުމުރުން 65 އަހަރު ނުވިޔަސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ތާއީދާއެކުގައެވެ.

މި ބަދަލުގެ ދަށުން، އެކަށީގެންވާ ސިއްހީ ފަރުވާ ދިން ނަމަވެސް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި، ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއްފަހަރާ ނުވަތަ ބަހާލައިގެންވެސް ނެގޭނެއެވެ. މިއީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ.

މީގެ އިތުރުން، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ޑައުންޕޭމަންޓް ދެއްކުމަށްވެސް ޕެންޝަން ފަންޑު ބޭނުންކުރެވޭނެ މަގު މި އިސްލާހާއެކު ވަނީ ތަނަވަސްވެފައެވެ. މީގެ ކުރިން ޕެންޝަން ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ ހަމައެކަނި އިމާރާތްކޮށް ނިމިފައިވާ ފްލެޓް ގަތުމަށް ކަމަށްވިޔަސް، އާ ބަދަލާއެކު އާންމު ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ކަންކަމުގައި ޕެންޝަން ފައިސާ ބޭނުންކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.