ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރޭ އަތުލައިގަނެފިއެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ގަލޮޅު ސަރަހައްދުގެ ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓެއްގެ އިތުރުން މުދާ އުފުލާ ވޭނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ތަންތަނުން ޖުމްލަ 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓު ފެނިފައިވާއިރު، މި ތަކެތި އުފުލުމަށް ބޭނުންކުރި ވޭން ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު މި ތަކެތި ގެންގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މި ތަކެތި އެތެރެކޮށް ވިއްކުމުގައި ޝާމިލުވާ ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.