ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ޑޮކިއުމަންޓްރީތައް ހަދައިގެން ފެތުރުމަކީ އޭގެ ސަބަބުން އެމަނިކުފާނަށް ދުނިޔެ އާއި އާހިރަތުގައި ވެސް ފައިދާލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަބުރު ކަތިލުމުގެ މަގްސަދުގައި އިދިކޮޅު ފަރާތްތަކުން ކުރާ މިފަދަ ކަންކަމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ކަންކަމާ ކުރިމަތިލާއިރު ކެތްތެރިކަން އިސްކުރުމަކީ އިސްލާމްދީނުގައި ބާރުއަޅާ މަތިވެރި ސިފައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދޮގު ވާހަކަތައް ފަތުރާ މީހުން އެ ދެނީ އެމަނިކުފާނަށް ސަވާބާއި މޮޅު ކަމަށެވެ. އަދި އެމަނިކުފާނާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމަންޓްރީއެއް އެމަނިކުފާނުގެ އަބުރު ކަތިލާކަށް ނުނެރެވޭނެކަން ޔަގީންވާ ކަމަށާއި، އެފަދަ އެއްޗެއް ނެރެން ޖެހޭނީ ހުސް ދޮގު ހަދައިގެން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލައަކީ "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއެއްގައި ރައީސަށް ގަޒްފުކުރި ކަމަށް ބުނާ މައްސަލައަކަށް ވާއިރު، އެ ޑޮކިއުމަންޓްރީގައިވާ އެއްވެސް ވާހަކައެއް އާންމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ކިތަންމެ ވަރަކަށް ދޮގު ފެތުރިޔަސް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުން ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުރީ ސަރުކާރުން ނަގާފައިވާ ބޮޑު ސުކޫކަކަށް ދައްކަންޖެހޭ 524 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ދަރަނި ދެއްކުމާއެކު ރަހުނުކޮށްފައިވާ ދައުލަތުގެ ހަރުމުދާތައް މިހާރު ވަނީ މިނިވަންކުރެވިފައެވެ.