ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ނަމަވެސް، ކުރެވުނު ކުށްތަކުން އިބުރަތް ހާސިލުކޮށް، ދިރިއުޅުމުގެ މިސްރާބު ރަނގަޅު މަގަށް އަނބުރާލުމަކީ ހިތްވަރުގަދަ މީހަކަށް މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ގއ. ދާންދޫއަށް ނިސްބަތްވާ ޝަޤީމް އަޙްމަދަކީ މިއަދު މިފަދަ ހިތްވަރުގަދަ ޝަޚްސިއްޔަތެކެވެ. އޭނާގެ ދިރިއުޅުމަކީ މާޔޫސްކަމާއި އަނދިރިކަމުގެ ތެރެއިން އުންމީދާއި އަލިކަމަށް ކުރި ދަތުރެއްގެ ފުރިހަމަ މިސާލެކެވެ.

ޝަޤީމްގެ މާޒީއަށް ބަލާއިރު، އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފައި، އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އެކި އަމަލުތަކުގައި އުޅުނު މީހެކެވެ. މި ނޭދެވޭ އަމަލުތަކުގެ ސަބަބުން އޭނާގެ އާއިލީ ގުޅުންތަކަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. އަމިއްލަ އަނބިމީހާއާއި ދަރިންގެ އިތުބާރު ގެއްލި، އޭނާގެ މަންމައާއި އާއިލާއިން އޭނާގެ އަމަލުތަކުގެ ސަބަބުން އިންތިހާއަށް ހިތާމަކުރިއެވެ.

"ބައްޕަގެ ޒުވާން ދުވަސްވަރު ހޭދަވެގެން ދިޔައީ ސިނގިރެޓް ބުއިމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އަދި މަސްތުވާތަކެތި ވިއްކުމުގަ. އޭރު ވަރަށް ލަދުގަނޭ މީހުން ދައްކާ ވާހަކަތަކުން. ސްކޫލަށް ދިޔައިމަ ކުލާސް ކުދިންވެސް މަލާމާތް ކުރޭ. އަޅުގަނޑުމެން 3 ކުދިން ލޯ ކުރިމަތީގައި ފުލުހުން ބައްޕަ އަތުގައި ބިޑިއަޅުވައިގެން ދަމަމުން ކޮށްޕަމުން ގޮސް ޕޮލިސްޓޭޝަނަށް ވައްދަނީ. އެންމެ ކުޑަ ކޮށްކޮ ޕޮލިހުންނޭ ބުންޔަސް ބިރުގަނޭ އެ މަންޒަރު ފެނުނުފަހުން" ޝަގީމްގެ ދަރިއަކު ކިޔައިދިނެވެ.

ދިރިއުޅުން ބަދަލުކޮށްލި ތާރީޚީ ދުވަސް

އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ތާރީޚަކީ 18 މާރިޗު 2008 އެވެ. އެއީ އޭނާގެ އުފަންދުވަސް ވެސް މެއެވެ. އެ ދުވަހު އޭނާ ރަށުން ފުރައިގެން ދިޔައީ އޭނާގެ މުޅި އުމުރު ބަދަލުކޮށްލާނެ ދަތުރަކަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި 16 އޭޕްރިލް 2008 ގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. އެވަގުތު އޭނާގެ 3 ކުދިން ތިއްބެވެ. އެންމެ ދޮށީ ދަރިފުޅު އޭރު ކިޔަވަމުން ދިޔައީ ގްރޭޑް 6 ގައެވެ. އަދި އެންމެ ކުޑަ ދަރިފުޅަށް އެންމެ 2 އަހަރެވެ.

އުމުރުން އެންމެ 30 އަހަރުގައި ޝަގީމް ކުށްވެރިވެ ހައްޔަރުކުރެވި، ޖަލު އަދަބު ތަންފީޒުކުރަން ޖެހުނު ނަމަވެސް، މިހާރު އުމުރުން 49 އަހަރުގައި، ޝަޤީމް މަޝްހޫރުވެފައިވަނީ ކުރީގެ "ގޯސް ބައްޕަ"ގެ ގޮތުގައި އެއް ނޫނެވެ. މިހާރު ޝަގީމް ފާހަގަކުރެވެނީ މައިންބަފައިންނާ، އަނބިމީހާއަށާއި، ދަރިންނަށާއި، ކާފަދަރިންނަށް ދައްކާ ފުން ލޯތްބާއި، ނުހަނު އަޅާލުމާއި، އަދި ދޭ ހާއްސަ އިހްތިރާމަށެވެ. މިއީ އިންސާނެއްގެ ދިރިއުޅުމުގައި އަންނަ ހެޔޮ ބަދަލުގެ ރީތި މިސާލެކެވެ.

ޖަލުގެ ތޭރިތަކުގެ ތެރެއިން ﷲއާ ގާތަށް

ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރި ދުވަސްތަކަކީ ޝަޤީމްގެ ދިރިއުޅުމުގެ އަސްލު ބަދަލު އައި ދުވަސްތަކެވެ. ކުރިން މަސްވެރިކަމުގައި އުޅުނު ޝަޤީމް، ޖަލުގައި ހުރެގެން ތަފާތު އެކި ހުނަރުތައް ދަސްކުރަން ފެށިއެވެ. ޖަލަށް ދިޔަ ހިސާބުން ޝަޤީމްގެ ހިތަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އޭނާ ﷲގެ މަގަށް ރުޖޫޢަވެ، އެކަލާނގެ އެންގެވުންތަކާ ގާތްވާން ފެށިއެވެ. ގިނަގިނައިން ދުޢާކޮށް، ބަރާބަރަށް ނަމާދުކުރަން ފެށިއެވެ.

"މިހާރު ބައްޕައަކީ ފަސް ވަގުތު ނަމާދުކުރާ، ގުރްއާން ކިޔަވާ މީހެއް، ބައްޕަގެ އީމާންތެރިކަމާއި އިސްލާމްދީނުގެ ތެދުމަގުން ދިރިއުޅުމަށް މަސައްކަތްކުރަން، މި ބަދަލުވުމަކީ ބައްޕަގެ އަމިއްލަ ނަފްސަށް ގެނައި ބަދަލެއް ނޫން މިއީ އާއިލާއަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދިން ކަމެއް" ޝަގީމްގެ ދަރިއަކު ކިޔައިދިނެވެ.

ޖަލުގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ ރޫޙާނީ ދިރުން އާލާވި ދުވަސްތަކެކެވެ. އެގޮތުން 2012 ވަނަ އަހަރު ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގި 17 ދުވަހުގެ "ހޯމް ގާރޑްނިންގ" ތަމްރީނު ފުރިހަމަކޮށް، ޖަލުގައި ދަނޑުވެރިކަން ކުރަން ފެށިއެވެ.

އާ ފެށުމަކާއި އާއިލީ އުފާވެރިކަން

ނަމަވެސް، ޝަޤީމްގެ ހަޔާތަށް އައި އެންމެ ބޮޑު ނޫރަކީ ކީރިތި ޤުރްއާނުގެ އިލްމެވެ. ޖަލުގައި ހުރެ ޤުރްއާން އުނގަންނައިގަނެ، އޭނާއަކީ ރީތިކޮށް ޤުރްއާން ކިޔަވާ މީހެއްގެ ގޮތުގައި މަޝްހޫރުވިއެވެ. ޤައިދީއެއްގެ ގޮތުގައި ހުރެގެންވެސް އެކި އެގްޒިބިޝަންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. މީގެ އިތުރުން އިމާމް ކޯސް ފުރިހަމަކޮށް، ޤާރީ ކޯހުގެ ލެވެލް 1، 2 އަދި 3 އިން "ހަޔަރ ޑިސްޓިންކްޝަން" ހާސިލުކުރިއެވެ. މީގެ އިތުރުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ސެޓްފިކެޓް 3 އިން އިމާމް ކޯސް ހަދައި، އިމާމްވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކަށު ނަމާދު ކުރުމުގެ ސެޓްފިކެޓްވެސް އެންމެ މަތީދަރަޖައިން ފާސްވެ ހާސިލުކުރިއެވެ.

ޝަޤީމް ޖަލުން މިނިވަންވީ 2016 ވަނަ އަހަރު، އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ރިޔާސީ އަފޫޢާއްމުގެ ދަށުންނެވެ. މިނިވަންވުމަށްފަހު އޭނާ މުޖުތަމައަށް ނުކުތީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. އޭނާ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރަން ފެށިއެވެ. ޝަޤީމްގެ ރީތި ކިޔެވުމުގެ ސަބަބުން، އޭނާ އިމާމުވެ ނަމާދުކުރާ މިސްކިތްތަކަށް ނަމާދަށްދާ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަމިއްލަ ރަށުގައިވެސް އޭނާ ދިޔައީ އިމާމުވެ ނަމާދުކުރަމުންނެވެ.

"8 އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި ފާހަގަކުރެވުނު ރަނގަޅު އަހްލާގާއި ނަމޫނާ ސުލޫކުގެ ސަބަބުން، އުމުރު ދުވަހުގެ ޖަލު ހުކުމުން މިނިވަންކަން ލިބުމާއެކު، އަހަރެންގެ ހަޔާތުގެ މަގްސަދު މުޅިން ބަދަލު ކޮށް، އެންމެ އިސް އަމާޒަކަށް ހެދީ އާއިލާއަށް އަބަދުވެސް ބޭނުންވާ ފަދަ ދަރިއަކަށް، ފިރިއަކަށް އަދި ބައްޕައަކަށް ވުން." ޝަގީމް ބުންޏެވެ.

އަނބިދަރިން، މައިންބަފައިން އަދި ޢާއިލާގެގެ ހިތްތަކުން ގެއްލިފައިވާ އިތުބާރާއި ލޯބި އަލުން ހޯދުމަކީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެއްކަން ޝަޤީމްއަށް ވިސްނުނެވެ. ނަމަވެސް، ވަގުތު ފާއިތުވެގެން ދިއުމުގެ ކުރިން، ޝަޤީމްގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ސާބިތުކޮށްދިނީ ހަމައެކަނި ބަހުގެ ޒަރީއާއިން ނޫނެވެ. ޝަޤީމްގެ ޢަމަލުތަކުންނެވެ. މި ގޮތުން، އާއިލާއަށް ވަގުތު ދިނުމާއި، ދަރިންގެ ތައުލީމަށް އަހައްމިއްޔަތުކަން ދިނުމާއި، އަނބިމީހާއަށް އެހީތެރިވުމާއި، މަންމައަށް އޯގާތެރިވެ އަޅައިލުމާއިއެކު އާއިލާގެ ބޭނުންތައް ފުއްދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރުން ހިމެނެއެވެ.

ޝަގީމްގެ އަށް ކުރިން ފުރިހަމަ ރައްކާތެރިކަން ނުދެވި އޮތް އޭނާގެ އަނބިމީހާއަށް ރައްކާތެރިކަން މިއަދު ދޭން ފެށި އެވެ. ޝަގީމްގެ ދަރިންގެ ވާހަކަ ތައް އަޑުއަހައި، ކުރިން ނުކުރާ ގޮތަށް އެމީހުންނަށް އެހީތެރިވިއެވެ. މުހިއްމު މުނާސަބަތުތަކުގައިވެސް، ދުވަހީ ދަތިތަކުގައިވެސް، އަދި ކުޑަކުޑަ ކަންތައްތަކުގައިވެސް ޝަޤީމް އާއިލާއާ އެކު ވަގުތު ހޭދަކުރަން ފެށިއެވެ.

ނިންމުން

މިއަދު ޝަޤީމަކީ އޭނާގެ ކުރީގެ މަސައްކަތް ކަމުގައިވާ މަސްވެރިކަމުގައި ސާބިތުވެ ހުރި މީހެކެވެ. މީގެ އިތުރުން2017 ވަނަ އަހަރުގައި ނިޔަމި ކޯސް ވެސް ފުރިހަމަ ކޮށް އޭގެ ފަހުގައި  2020 ވަނަ އަހަރު އޭނާ ވަނީ "އޯޕަން ވޯޓަރ ޑައިވަރ" އެއްގެ ސެޓފިކެޓް ހާސިލުކޮށް، މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް މުހިއްމު ފިޔަވަޅެއް އަޅާފައެވެ.  ޝަޤީމްގެ ވާހަކައަކީ ކުށްވެރިންގެ ގޮތުގައި ތިބޭ މީހުންނަށް މުޖުތަމައުން ދޭ ދެވަނަ ފުރުސަތެއްގެ ބޭނުން ހިފައިފިނަމަ، އިންސާނަކަށް އަތުވެދާނެ ހެޔޮ ބަދަލުގެ ދިރިހުރި މިސާލެކެވެ. އޭނާ ވަނީ އަނދިރި މާޒީއެއް ފަހަތަށް ޖައްސާލައި، އިލްމާއި އަޅުކަމާއި މަސައްކަތުގެ ތެރެއިން އާދަޔާޚިލާފު ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

މިއަދު ޝަގީމް އަކީ މުޅި އާއިލާގެ ތަނބެވެ. އެންމެން ހެއްވާލަދީ އުފާކޮށްދޭ އެހީތެރިޔާ އެވެ. މައިންބަފައިންނާއި އަނބިދަރިންނަށް އަޅާލުމާއި ލޯބި ދެވޭތީ މިއަދު ޝަގީމް ހުރީ އުފަލުން ނެވެ. މުޅި މުޖްތަމައުއާއި އާއިލާއަަށް ހެޔޮ އެދިގެން ނެވެ. ޝަގީމް އަށް އިއްޔެ އަކީ މިއަދު ގެ އުފާވެރިކަމުގެ ދަތުރުގެ މާއްދީ ތަޖުރިބާ އެވެ. މާޒީގެ ހިތި ވާހަކަތަކުން ޝަގީމް އަށް މިއަދު ގެނެސް ދެނީ އުފާވެރިކަމުގެ ހަބަރުތަކެވެ.