މާތް ﷲ ފުރިހަމަކުރައްވާ، ތަރުތީބު ކުރައްވާފައިވާ އިންސާނާގެ ހަށިގަނޑުގެ ނިޒާމުތަކުގައި ކަންކަން ހިނގާ ގޮތް އެެނގުމަކީ ސިއްހީ ގޮތުން އިންސާނާ ހޭލުންތެރިވެ، އިންސާނާ އާއި، އޭނާ ހެއްދެވި ވެރި ރަސްކަލާނގެއާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނޭ ކަމެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އެފަދަ ފުރިހަމަ ނިޒާމެއް ތަރުތީބުވެފައިވާ ގޮތަކަށެވެ. އާދެ! ކުޑަކަމުދިއުމުގެ ނިޒާމުގެ ތަރުތީބުން އޭގެ އެންމެ ފަހު މަރުހަލާއަށެވެ. ކުޑަކަމުދިއުމަށެވެ.
އިންސާނާގެ ކުޑަކަމުދާ ތަކެތި ޖަމާވެފައި ހުންނަނީ އިންސާނާގެ މަސާނާގައެވެ. މިގޮތައް އެވަރެޖް އިންސާނެއްގެ މަސާނާގައި 600 އާއި 700 މިލިލީޓަރުގެ ކުޑަކަމުދާތަކެރި ރައްކާ ކުރެވެއެވެ. ނަމަވެސް 200 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި ޖަމާވުމުން މަސާނާގެ މަސްތަކަށް ވާންޖެހިލައެވެ. މިގޮތަށް ވާން ޖެހިލުމުން، މަސާނާގެ ތިރީގައި އިންނަ ހުޅުވުމުގެ ކައިރީގައި ހުންނަ ހިއްސު ދެނެގަންނަ ނާރުތަކަށް މެސެޖެއް ލިބޭނެއެވެ. އެ ހިސާބުން އެ މެސެޖު ސިކުނޑިއާއި ހިސާބަށް ދާނެއެވެ. ދެން ސިކުނޑިން އެ މެސެޖު ދިރާސާކުރުމަށްފަހު، އެއީ ކުޑަކަމުދަވައިގަތީ ކަމުގައި ކަނޑައަޅައެވެ. މި ނިޒާމުގެ ހަލުއި ކަމަކީ މިލި ސިކުންތެއްގެ ހަލުއިކަމެވެ.
މަސާނާގެ ތިރީގައި އިންނަ ހުޅުވުން، ގުޅިފައިވާނީ ކުޑަކަމުދާ ހޮޅިއާއެވެ. މި ހުޅުވުން ބަންދު ކުރެވިފައި ވަނީ ހުޅުވުމުގެ ވަށައިގެންވާ މަހުގެ ދެ ފަށަލައަކުންނެވެ. އެޔަށް އިންޓާނަލް އަދި އެކްސްޓާނަލް ސްޕިންޝާރ އޭ ކިޔައެވެ. މިތަނުން އިންޓާނަލް އޭ މިކިޔާ މަސްކޮޅަކީ މި ދެ މަސްކޮޅުން ކުރެ އެތެރޭގައިވާ މަސްކޮޅެވެ. މި މަސްކޮޅަކީ އިންސާނާގެ ކޮންޓުރޯލުގެ ދަށުގައިވާ މަސްކޮޅެއް ނޫނެެވެ. ނަމަވެސް އެކްސްޓާނަލް ނުވަތަ ބޭރުގައި އިންނަ މަސްކޮޅަކީ އިންސާނާއަށް ކޮންޓުރޯލު ކުރެވޭ މަސްކޮޅެކެވެ. މި ދެ މަސްކޮޅު ވަނީ މަސާނާގެ ހުޅުވުމާއި ކުޑަކަމުދާ ހޮޅި ގުޅޭ ހިސާބު ފިއްތާލާ ބަންދު ކޮށްލާފައެވެ.
ކުޑަކަމު ދަވާކަން ސިކުންޑިން އިންސާނާއަށް އެންގުމުން، އިންސާނާގެ ބާރު ހިނގާ މަސްކޮޅު، ބާރުކޮށްލާ ދޫދިނުން ވަނީ އިންސާނާގެ ކިބައިގައެވެ. ފާހާނާއަށް ވަދެ، ކުޑަކަމުދާން ތައްޔާރު ވުމުން، ކުޑަކަމުދާން އިންސާނާ އެދެވެއެވެ. އެ ހިސާބުން ސިކުނޑީގެ މެސެޖުގެ އެހީގައި އެ މަސްކޮޅަށް ދޫކަމެއް ދެވެއެވެ. ހަމަ އެހިނދުގައިމެ މަސާނާގައި ހުންނަ ކުޑަކަމުދާ ތަކެތި ކުޑަކަމުދާ ހޮޅިން ދަތުރުކުރަން ފަށައެވެ. އަދި ދަށްބަނޑުގެ މަސްތަކަށް ބާރު ލާނަމަ، ކުޑަކަމުދާ ތަކެތި ހޮޅިތެރެއިން ހިނގާލެއް އަވަސް ވާނެއެވެ. ނުވަތަ ޕުރެސަރު ބާރުވާނެއެވެ.
މިއީ ތަރުތީބުވެ ހިނގާ މި ނިޒާމުގެ ކުރު ތައާރަފެކެވެ. މި ކުރު ތައާރަފުންވެސް އިންސާނާގެ ސިއްހަތުގެ ފުރިހަމަކާއި މި ހަަަށިގަނޑުގެ ތަރުތީބުކަމާއި އުފެއްދުމާއި ކުޅަދުންވަންތަކަމުގެ ފުރިހަމަކަން ހާމަވެގެން ދެއެވެ. ވަކި ހަމައެއްގެ މަތިން ހިނގާ މި ނިޒާމުގެ ހަމަ ހިފެއްޓޭނީ ސިއްހީ ގޮތުން ފަރުވާތެރި ވެގެންނެވެ. ސަމާލުކަން ދީގެންނެވެ.
