ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން، އާއިލާތަކަށް ކުރިމަތިވަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ވަރުގަދަކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، އާއިލާތަކަށް ކުރިމަތިވާ އާ ގޮންޖެހުންތަކާއެކު، މައިންބަފައިންނާއި ކުދިން އަދި ބަލަދުވެރިންގެ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ ނިޒާމުތައް ހަރުދަނާކުރުން ވަރަށް މުހިންމު ކަމަށެވެ.

މި ދުވަހުގެ މުނާސަބަތުގައި އެކަމަނާ ވަނީ، ބާރުވެރި މުޖުތަމައުތަކެއް ބިނާކުރުމަށާއި އަދި އުޖާލާ ކުރިމަގެއް ހޯދައިދިނުމުގައި އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އަޅާލުމާއި އަދި އެހީތެރިކަން ފާހަގަކުރައްވައިފައެވެ. ސާޖިދާ ފާހަގަކުރެއްވި ގޮތުގައި މުޖުތަމައުއެއްގެ އެންމެ މުހިންމު ބިންގަލަކީ އާއިލާއެވެ. އެހެންކަމުން ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަކީ މުޅި މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ފަސްޓް ލޭޑީ ވިދާޅުވީ، އާއިލާތަކުގެ ފުރިހަމަ ކުރިއެރުމަށާއި ތަރައްގީއަށް އިންވެސްޓްކުރުމަކީ، ތަނަވަސް އަދި ކުރިއަރާފައިވާ ރާއްޖެއެއް ބިނާކުރުމުގެ ބިންގަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އެކަމަނާގެ މި މެސެޖުގައި މައިގަނޑު ގޮތެއްގައި ބާރުއަޅުއްވާފައިވަނީ ގައުމުގެ ކުރިމަގު ބިނާކުރުމުގައި އާއިލާތަކުގެ ދައުރުގެ މުހިންމުކަމުގެ މައްޗަށެވެ