ދުނިޔެއަށް އަންނަ އެންމެ މާތް އަދި އެންމެ ހެޔޮ ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް" މި މައުޟޫއަށް ދިން ހުތުބާގައި ބުނީ، މި ދުވަސްތަކަކީ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާންކުރައްވަނީ ނަމާދާއި، ރޯދައާއި، ސަދަގާތާއި އަދި ހައްޖުގެ މަތިވެރި އަޅުކަން ފަދަ އެންމެ މަތިވެރި ހެޔޮ އަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީ ކަމަށެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ހެޔޮ އަމަލުތައް ކުރުމަށް އަވަސްވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި މާތް ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ ރަޖަބު މަހާއި، ޛުލްގައީދާ މަހާއި... ޛުލްހިއްޖާ މަހާއި އަދި މުހައްރަމު މަސް ކަމަށްވާއިރު، އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މަހެވެ. އަހަރެމެންގެ ކުރު ދިރިއުޅުމުގައި ގިނަގުނަ ދަރުމަޔާއި ސަވާބު ލިބޭނެ ގޮތަށް ހެޔޮކަމުގެ މާތް މޫސުންތައް ތަކުރާރުވާ ގޮތަށް ލައްވާފައިވުމަކީ މާތް ﷲގެ އޯގާވަންތަކަމާއި ރަހުމަތްވަންތަކަން ހާމަވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
މި ދުވަސްތައް ބަރަކާތްތެރި ކުރުމުގެ ގޮތުން، ހައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީގުގެ ފަހު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ދިރިއުޅޭ ގެތަކުގައްޔާއި، މަގυތަކުގައްޔާއި، ބާޒާރުމަތީގައި އަޑުހަރުކޮށް ތަކުބީރުކިޔައި އުޅުމަކީ ސުންނަތެއްކަމަށް ހުތުބާގައި ބަޔާންކުރިއެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި ގިނަގިނައިން ސަދަގާތްކުރުމަކީ ވެސް މަތިވެރިވެގެންވާ އަޅުކަމެއް ކަމަށާއި، މި ދުވަސްތައް ފަށަންވާނީ ތެދުވެރި އިޚުލާޞްތެރި ތައުބާއަކުން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުކުރު ހުތުބާގައި އިތުރަށް ބުނީ، ހެޔޮކަމުގެ މި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، ފުރައްސާރަކުރުމާއި އަދި ފިތުނައުފެއްދުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. ފާފަތަކަށް އަރައިގަތުމަކީ މާތް ﷲގެ ރަހުމަތުން މީހާ ދުރުކޮށް، ނިއުމަތްތަކުން މަހުރޫމުކުރައްވާނެ ސަބަބެއްކަން ހަނދާންކޮށްދެމުން، މާތް ﷲ ލޯބިވެވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
