ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.

ދެ ނޫސްވެރިއަކު ޖަލަށް ލުމާ ގުޅިގެން، އެ މީހުން މިނިވަންކުރަން ގޮވާލައި އިދިކޮޅުން ރޭގަނޑު ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު އެއްވެއުޅުމަށް ގާނޫނުން ލިބިދީފައިވާ ހައްގު ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ، އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކޮށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުންގެ އިދާރާއިން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށް ވެސް ފުލުހުން ހަނދާންކޮށްދިނެވެ.

ބަޔާން ނިންމާލަމުން ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންދާނެ ކަމަށެވެ.