ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ދިވެހިންނަށް ސޭޝެލްސް އިން އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ. މި ތާރީޚީ އެއްބަސްވުން ގާއިމްކޮށްފައިވަނީ ސޭޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯރ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ދެ ގައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސޭޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޓޫރިޒަމާއި އެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ. ރާއްޖެއިން ސޭޝެލްސްއާއެކު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރީ 1 ޖުލައި 1980 ގައެވެ. ދެ ގައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.
