ވ. އަތޮޅުގައި 60 މީޓަރު އަޑީގައިވާ ހޮހޮޅައަކަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރަކު ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން ވަގުތީގޮތުން މިއަދު މެދުކަނޑާލައިފިއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ކޯސްޓްގާޑުގެ ޓީމުން ކުރަމުންދިޔަ މަސައްކަތް ހުއްޓާލަން ޖެހުނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ސްޓާފް സާޖަންޓް މުހައްމަދު މަހުދީ މިއަދު މެންދުރު ފަހު ނިޔާވުމާ ގުޅިގެން ކަމަށެވެ.

މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލި ނަމަވެސް، އިޓަލީގެ "ޑޭން" ކުންފުނިން ހަމަޖައްސައިގެން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ޓެކްނިކަލް އާލާތްތަކާއެކު މާދަމާ ހެނދުނު ރާއްޖެ އައުމުން އަލުން އޮޕަރޭޝަން ފަށާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެ ޓީމުން ސިފައިންނާ ބައްދަލުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާނެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ މި އޮޕަރޭޝަނަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅާފައެވެ.

"އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީން ފީނަން ގޮސް އުޅެނިކޮށް ގެއްލުނީ ހަތަރު ޓޫރިސްޓުންނާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. މީގެ ތެރެއިން އެކެއްގެ ހަށިގަނޑު ގާތްގަނޑަކަށް 60 މީޓަރު އަޑީގައިވާ ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ. ދިގުމިނުގައި 200 ފޫޓު ހުންނަ އެ ހޮހޮޅައިގެ ތެރޭގައި ބާކީ ތިބި ހަތަރު މީހުން ވެސް ތިބޭނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގައި ޑައިވްކުރުމުގެ ހުއްދަ ގާނޫނީ ގޮތުން އޮންނަ އެންމެ ފުންމިނަކީ 30 މީޓަރެވެ.