މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާތީ، ކަނޑު ދަތުރުތައް ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.