ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓަޑް ބޭންކާ ޕްރޮގްރާމް" ފަށައިފިއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ ޖެނުއަރީ މަހުގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބީއެމްއެލްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެއެވެ. ބޭންކުން ބުނި ގޮތުގައި، މި ޗާޓަޑް ބޭންކާ ޕްރޮގްރާމް ކުރިއަށްގެންދަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތައް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ މުހިންމު އިންވެސްޓްމަންޓެކެވެ.