އިޓަލީގެ އުދިނޭޒީ އަށް ކުޅެމުންއައި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް، ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ޑެ ޕޯލް، އެތުލެޓިކޯއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއްދައްކައި، އާޖެންޓީނާ އަށް އެ މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޑެ ޕޯލް ގަންނަން އެތުލެޓިކޯ އިން ވަނީ 35 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ.
އެތުލެޓިކޯ އަށް ސޮއިކުރުމަށްފަހު ޑެ ޕޯލް ބުނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ޓީމަށް ބަދަލުވެވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޮތް ޒިންމާ ވެސް ބޮޑުވާނެ ކަމަށެވެ. މީގެއިތުރުން، މިއީ ކެރިއަރުގައި އިތުރަށް ކުރިއަށްދިއުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އާޖެންޓީނާގެ ރޭސިން ކްލަބުން 2014 ވަނަ އަހަރު ސްޕެއިނުގެ ވެލެންސިއާ އަށް ބަދަލުވިއިރު، އެ ޓީމުގައި ހޭދަކުރި ދެވަނަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ ކުރީގެ ޓީމު ރޭސިން އަށެވެ. އަދި އޭގެފަހުން، ދެން ޖެހިގެންއައި ސީޒަނުގައި 10 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އުދިނޭޒީ އަށް ބަދަލުވެ މޮޅު ކުޅުމެއްދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ނިމިދިޔަ ސީޒަނުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީ ވެސް ޑެ ޕޯލް އެވެ. އޭނާ ވަނީ އުދިނޭޒީގައި ހޭދަކުރީ ފަސް ސީޒަނުގައި އެ ޓީމަށް ކުޅެދިން 184 މެޗުގައި 34 ލަނޑުޖަހައި، އިތުރު 36 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.
އާޖެންޓީނާގެ ގައުމީ ޓީމުން ފަހަކަށްއައިސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ޑެ ޕޯލް، އެންމެ ފުރަތަމަ އެ ޓީމަށް މެޗެއް ކުޅެދިނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެފަހުން، މިހާތަނަށްއައިއިރު އެ ޓީމަށް ކުޅުނު 28 މެޗުގައި އެއް ލަނޑުޖަހާފައިވެއެވެ.
ޑެ ޕޯލް އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެތުލެޓިކޯ އަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ހިލޭ ޓްރާންސްފާއެއްގައި ބްރެޒިލްގެ ފުލުމިނެންސޭ އަށް ކުޅެމުންއައި ޒުވާން ވިންގާ މާކޯސް ޕައުލޯ ގެނެސްފައެވެ.
