ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުއާ ކުރައްވައިފިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ މުޅި ގައުމަށް ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ހަބަރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި، ޑިއުޓީގައި މަގާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ހާލަތެއް މެދުވެރިވެ ނިޔާވި މަރުހޫމް މުހައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެހެއްޓެވުމަށް ވަނީ ދުއާކުރައްވާފައެވެ. މީގެ އިތުރުން މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވައި، އެ އާއިލާއަށާއި އެމްއެންޑީއެފަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ވ. އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުން ހޯދުމުގެ ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި މަހުދީ ނިޔާވީ ޑީކޯވެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ. މި ބިރުވެރި ހާދިސާގެ ރިޕޯޓް އެމްއާރުސީސީއަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.