މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާގެ މަގުން ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފިއެވެ. ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952،358 ހިއްސާ ތަމްސީލްކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓުގެ ވޯޓުންނެވެ.

މިއީ 25 އަހަރު ކުރިން ހިއްސާ ވިއްކައި ޕަބްލިކް ކުންފުންޏަކަށް ބަދަލުވި އެސްޓީއޯގެ ފަހުގެ ތާރީހެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާއެވެ. އަދި މިއީ އެ ކުންފުނިން އޭގެ ކުރީ އަހަރު ބެހި 80 ރުފިޔާއަށްވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ. ޖަލްސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 263 މެމްބަރުން ބައިވެރިވިއިރު، އޭގެ ތެރެއިން 87 މެމްބަރުން ޕްރޮކްސީ މެދުވެރިކޮށް އަދި 176 މެމްބަރުން ވަނީ ޖަލްސާއަށް ހާޒިރުވެފައެވެ.

އެސްޓީއޯގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެ ކުންފުނިން އަމާޒުހިފާފައިވަނީ އާ ވިޔަފާރިތަކުން ހޯދާ އާމްދަނީ 5 ޕަސެންޓަށްވުރެ އިތުރުކޮށް، 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު، ސާފު ފައިދާ އެއް ބިލިއަނަށް އިތުރުކުރަން ކަމަށެވެ. ކުންފުނީގެ ކުރިއެރުން މިހާރު ހުރި ގޮތުން މި އަމާޒަށް އޭގެ ކުރިންވެސް ވާސިލްވެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނުއިރު އެ ކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ސަބްސިޑަރީ ކުންފުނިތަކާއެކު ގްރޫޕް ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނުއިރު، އެސްޓީއޯއަށް އެކަނި ސާފު ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވެއެވެ.