ދިވެހި ޒުވާނުންނަކީ ގައުމަށް ފައިދާހުރި، އުފެއްދުންތެރި އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދުމުގެ ބޭނުމުގައި ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަތަނީ ހިދުމަތް" ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނުތައް ޅ. މާފިލާފުށީގައި މިއަދު ނިންމާލައި، 344 ޒުވާނަކު ދަސްވެނިވެއްޖެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ގައުމުގެ ކުރިމަގު ބިނާކުރުމަށާއި ޒުވާނުން ބާރުވެރިކުރުވައި މަސައްކަތުގެ ހުނަރާއި ރިވެތި ސުލޫކު އަށަގެންނެވުމަށް ފެށްޓެވި ވަރަށް މުހިންމު ސިޔާސަތެކެވެ.
މިކަން ފާހަގަކުރުމަށް މާފިލާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާބެހޭ މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ފަރާތްތަކުގެ ހާއްސަ ހިނގާލުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ޒުވާނުން ތަމްރީނުތަކުގައި ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ 64 އަންހެނުންނާއި 286 ފިރިހެނުންނެވެ.
މި އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ އިތުރު ދެ ބުރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވިއެވެ. އަދި ބ. ކިހާދޫގައި ހިންގި ފުރަތަމަ ތަމްރީނު ނިންމި ކުދިންގެ ތެރެއިން 63 ކުއްޖަކު ހަ ދާއިރާއަކުން ކުރިއަށް އޮތް ތާނގައި ދަސްވެނިވާނެކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެ ކުރިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުންވެސް 346 ޒުވާނުން ވަނީ ދަސްވެނިވެފައެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ގައުމަށް ހިދުމަތްކުރުމުގެ ރޫހުހުރި، ގާބިލު ޖީލެއް އުފެއްދުމެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް ނިންމި ދަރިވަރުންގެ ތެރެއިން 38 ރަށަކަށް ނިސްބަތްވާ، އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ 66 ދަރިވަރަކު ފަންނީ ތަމްރީނުތަކުގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
