ވ. އަތޮޅުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ޓޫރިސްޓުން ހޯދުމުގެ މަސައްކަތް ކުރުމަށް، ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެ އަތުވެއްޖެ އެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބައެއް މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދެއްވާފައިވާއިރު، ފިންލޭންޑުގެ މި ބޭފުޅުން ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. މި ޓީމަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އިޓަލީވިލާތުގެ ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު އެކުލަވައިލި ޓީމެކެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ މި މަހުގެ 15 ވީ ހުކުރު ދުވަހު އަމިއްލަ ތަހުގީގެއް ވެސް ފަށާފަ އެވެ. ވ. އަލިމަތާ ކައިރީގައި މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގެ ކުރިން، މޫސުމީ އިންޒާރުތަކާއި ޑައިވިންއާ ގުޅޭ ގަވާއިދުތަކަށް އިހުމާލުވެފައިވޭތޯ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ގެއްލުނު މީހުން ހޯދުމަށް ފީނި މީހުން ވަނީ ކަނޑުގެ އަޑިން 200 ފޫޓު ފުނުގައިވާ ހޮހަޅައެއްގެ ދެ ސަރަހައްދެއް ބަލާފަ އެވެ. މިއީ ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނުމަށް ހުއްދަދޭ 100 ފޫޓުގެ ފުންމިނަށް ވުރެ ދެގުނަ އިތުރު ފުންމިނެކެވެ.
އެމްއެންޑީއެފުން ޓޫރިސްޓުން ހޯދުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން، މި މަހުގެ 16 ވީ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން މިހާރު އޮތީ މެދުކަނޑާލާފަ އެވެ. އަދި މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރިތޯ ބަލަން ތަހުގީގު ކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
