ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވިދާޅުވެފައިވަނީ، އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމްއިއްޔާއަށް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރެފައިވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ އަމުރުގައި އަންގާފައިވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. މީގެ އިތުރުން މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ ވާހަކަ ދެއްކުމާއި، ޝަރީއަތާ ގުޅުންހުރި ލިޔުންތައް ފެތުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ. އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ މި އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ.
