ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އާއި ޔުގެންޑާގައި ފެތުރެމުންދާ އިބޯލާ ބައްޔަކީ އިންޓަނޭޝަނަލް ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާތީ، ރާއްޖޭގެ ހެލްތް މިނިސްޓްރީން އެ ހާލަތު ބަލައި މޮނިޓަރ ކުރަން ފަށައިފި އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ބުނީ، ގުޅުންހުރި ބޭފުޅުންނާ އެކު މިވަގުތު ހާލަތު ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ނަމަވެސް، މި ބަލި އަދި މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ނުވަތަ "ޕެންޑެމިކް" އެއްގެ މިންގަނޑަށް ފެތިފައިނުވާ ކަމަށް ބުނެ އެވެ. ބަލިމަޑުކަން ކުއްލި ނުރައްކަލުގެ ހާލަތަކަށް ބަދަލުވީ ބަލި ފެތުރޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ކޮންގޯއިން ގިނަ އަދަދެއްގެ ކޭސްތަކާއި މަރުތައް ރިޕޯޓްކޮށްފައިވާއިރު، ބަލި ފެތުރެމުންދާ ސަރަހައްދުތަކުން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހަތަރު މީހަކު މަރުވުމަކީ ސިއްހީ މާހިރުން ކަންބޮޑުވާ ކަމެކެވެ.

މި ފަހަރު ކޮންގޯގައި ފެތުރެމުންދާ ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނެތުމަކީ މި ހާލަތު އިތުރަށް ނުރައްކާވާ ސަބަބެކެވެ. އެ ސަރަހައްދުގައި އޮތް ސަލާމަތީ ނުތަނަވަސްކަމާއި، މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ގިނަވުމަކީ ބަލި ފެތުރުމަށް މަގުފަހިވާ ކަންކަމެވެ.