ކެނެޑާގެ އަވަށެއްކަމަށްވާ ވިކްޓޯރިއާގެ ބޯކޮށައިދޭ ސެލޫން އަކުން، ދަތިހާލުގައި އުޅޭ މީހުންގެ ބޯ ކޮށައިދެނީ ހިލެއެވެ. މީގެ އިތުރުން ގެދޮރު ނެތި މަގުމަތިވެފައިވާ މީހުންގެ ބޯވެސް ކޮށައިދީ ހަދަނީ މުޅިން ހިލެއެވެ.
ހެއާރ ބޭންކުގެ ނަމުގައި ހިންގާ މި ސެލޫންގެ އެކި އެކި ގޮފިތަށް އެއަވަށުގެ އެކި ހިސާބުތަކުގައި ހުރެއެވެ. ޖޭމީ މެކް ކެލުން ނަމަކަށް ކިޔާ މީހަކު ހިންގާ މި ސެލޫން ހިންގާތާ އެތައް އަހަރެއްވަނީ ވެފައެވެ. އޭގެ ފަހުން މުޖުތަމައަށް ހިދުމަތް ކުރުމުގެ ގޮތުން، އޭނާގެ އެ ސެލޫންއިން މި ވަނީ މި ހިދުމަތްދޭން ފަށާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ގިނަ ބަޔަކު އަންނަނީ މި ސެލޫންތަކުގެ ބޭނުން ހިފަމުންނެވެ. އަދި ގިނަ ބަޔަކު މި ސެލޫންތަކަށް އެހީގެ ގޮތުގައި ގިނަ އަދަދުން ފައިސާވެސް ދޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މަރެސް ސްޓްރީޓް ނަމަކަށް ކިޔާ މަގެއްގައި އޭނާ ހުޅުވި ސެލޫން އަކީ އެންމެނަށްވެސް ހިލޭ ބޯކޮށޭނޭ ސެލޫންއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ބޮޑަށް އިސްކަން ދޭނީ އެހެން ސެލޫންތަކޭ އެއްގޮތައް ދަތިހާލުގައިވާ މީހުންނަށާއި މަގުމަތީގައި ދިރިއުޅޭ މީހުންނަށެވެ.
ހެއާރ ބޭންކުގެ މި ހިދުމަތަކީ ގިނަ ބަޔަކު ބަލާގަތް ހިދުމަތެކެވެ. އަދި މީސްމީޑިޔާގައި ގިނަ ބަޔަކު އަންނަނީ މިކަމަށް ތައުރީފުކޮށް ވާހަކަވެސް ދައްކަމުންނެވެ. ހަމައެއާއިއެކު ކެލުންއަށް ވަނީ ގިނަ ބައެއްގެ ތައުރީފުވެސް ލިބިފައެވެ.
