ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫގް އަހުމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ. ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ފާރޫގް އަހުމަދު އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފާރޫގް އަހުމަދަކީ ދިވެހި ދައުލަތަށް 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަގާމުތަކުގައި އޭނާ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެންނާ އެ ވަކިވެވަޑައިގަތީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަހުސިއްޔަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަރުހޫމް ފާރޫގް އަހުމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، اللهގެ ތަނަވަސް ރަހުމަތުގައި ލެހެއްޓެވުމަށް ދުއާ ކުރައްވަމުންނެވެ.