ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވައިފި އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި އިރުތިޝާމް އާދަމް އާއި ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ވަނީ ފޯނުން ގުޅުއްވައި މިކަމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދެ ބޭފުޅުންގެ މި ފޯނު ކޯލުގައި ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދޭދޭ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މި މަޝްވަރާތަކުގައި މިނިސްޓަރު އިރުތިޝާމް ވަނީ ރާއްޖޭގެ ތަރައްގީގައި ސައުދީން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ގައުމަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް ޖެހިޖެހިގެން ދެވަނަ އަހަރު މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި، ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކާއި ދިވެހި ވަފުދުތަކަށް ބަހައްޓާ މެހްމާންދާރީ މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސަރަހައްދީ ތަރައްގީގެ ދާއިރާތަކަށް އަލިއަޅުއްވާލައްވައި، ގުޅިގެން ކުރެވޭ މަޝްވަރާތަކުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ސައުދީ ފޮރިން މިނިސްޓަރަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
