ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި މުޅިން އާ ސަފުހާއެއް އުފައްދައި، ރާއްޖޭގެ ގައުމީ އެއަރލައިން "މޯލްޑިވިއަން" އިން އޮސްޓްރޭލިއާއަށް ކުރި ފުރަތަމަ ސީދާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އޮސްޓްރޭލިއާގެ މެލްބަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޯޓު ޖައްސައިފި އެވެ. މިއީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުމަކުން ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން ބުނިގޮތުގައި މިއީ ގައުމީ އެއަރލައިނަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން ކާމިޔާބީގެ އާ މައިލްސްޓޯނެކެވެ.
މި ތާރީހީ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މޯލްޑިވިއަންގެ ފްލީޓަށް ދާދިފަހުން އިތުރުކުރި އޭ330 މަރުކާގެ ބޯޓުގަ އެވެ. ދުރު ރާސްތާގެ ދަތުރުތަކަށް ހާއްސަ މި ވައިޑް-ބޮޑީ ބޯޓުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން (ވީއައިއޭ) ފުރައިގެން ދިއުމާއެކު، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައުލޫމާތުތައް ވަގutުން ފޯރުކޮށްދޭ މަގުބޫލު ވެބްސައިޓެއް ކަމަށްވާ "ފްލައިޓް ރާޑަރ24" އިން ވެސް ވަނީ މި ދަތުރުގެ ލައިވް ޓްރެކިންގ މައުލޫމާތާއި ޗާޓުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނެސްދީފަ އެވެ.
މީގެ ކުރިން އޮސްޓްރޭލިއާއިން ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އަންނަ ޓޫރިސްޓުންނާއި، އެ ގައުމުގައި ކިޔަވަން އުޅޭ ދިވެހި ދަރިވަރުން ޖެހެނީ ދުބާއީ، ސިންގަޕޫރު ނުވަތަ މެލޭޝިއާ ފަދަ އެހެން ގައުމުތަކެއް މެދުވެރިކޮށް 20 ގަޑިއިރަށް ވުރެ ގިނަ ވަގުތު ޓްރާންސިޓްގައި ހޭދަކުރާށެވެ. ނަމަވެސް މޯލްޑިވިއަންގެ މި ސީދާ ދަތުރުތަކާއެކު އެއްވެސް ތަނެއްގައި މަޑުނުކޮށް އެންމެ 11 ގަޑިއިރުގެ ތެރޭގައި އޮސްޓްރޭލިއާއަށް ދެވޭނެ އެވެ. މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު، ޓޫރިޒަމް މޫސުމާ ދިމާކޮށް ހަ މަސް ދުވަހުގެ ޓްރަޔަލް މުއްދަތަކަށެވެ.
