ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ޓޫރިސްޓުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށާފައިވާއިރު، ދިވެހި ޑައިވަރުން ދެން މާ ފުނަށް ނުފީނާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މި އޮޕަރޭޝަންގައި ފުނަށް ކުރަންޖެހޭ ނުރައްކާތެރި ޑައިވްތައް ދެން ކުރާނީ މި މަސައްކަތާ ގުޅިފައިވާ ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން މިއަދު އަލުން ފެށީ ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާ އެކުގަ އެވެ. މުންދު ވިދާޅުވީ ދިވެހި ޑައިވަރުން ދެން ކުރާނީ ކޮންމެހެން ކުރަންޖެހޭ "ރިކްރިއޭޝަނަލް ސްކޫބާ ޑައިވްތައް" އެކަނި ކަމަށެވެ. މިއަދުގެ މަސައްކަތުގައި ކަނޑު އަޑިއަށް ފޮނުވާ ރިމޯޓް ކޮންޓްރޯލް ވެހިކަލް (އާރުއޯވީ) ބޭނުންކުރި ނަމަވެސް، އޮއިވަރު ހުރި ގޮތުން މާ ފުނަށް ފޮނުވޭ ގޮތް އަދި ނުވެ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޓޫރިސްޓުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު 60 މީޓަރު (197 ފޫޓު) އަޑިން ފެނުނު ނަމަވެސް، ބާކީ ތިބި ހަތަރު ޓޫރިސްޓުން އަދިވެސް ނުފެނެ އެވެ. ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ.