ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފަހަކަށް އައިސް ފެންނަމުންދާ އެންމެ ހިތާމަހުރި އެއް މަންޒަރަކީ، ގައުމުގެ އެންމެ އިސްވެރިޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަންޖެހޭ އިހުތިރާމް ކުޑަވަމުންދާ މަންޒަރެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މީހަކު އަދަބު އިހުތިރާމް ކުޑަވާ ގޮތަށް މެސެޖު ކުރުމާއި، މަގުމަތީގައި ބާއްވާ މުޒާހަރާތަކުގައި އެމަނިކުފާނުގެ އަބުރަށް ހުތުރުވާ ގޮތަށް ބޭއަދަބީ ބަސްތައް ބޭނުންކުރުން މިވަނީ އާންމު ކަމަކަށް ވެފަ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާގެ ކަރާމާތަށް އަރައިގަތުމަކީ ޑިމޮކްރެސީގެ ރޫހާ ބީރައްޓެހި ކަމެކެވެ.

މާޒީއަށް ބަލާއިރު، ދިވެހިންނަކީ އަބަދުވެސް ވެރިންނަށް ކިޔަމަންތެރިވެ، ވަރަށް ބޮޑަށް އިހުތިރާމް އަދާކުރަމުން އައި ބައެކެވެ. ނަމަވެސް، ޒަމާނީ ޑިމޮކްރެސީއަށް ރާއްޖެ ފުރޮޅި، ސޯޝަލް މީޑިއާގެ ނުފޫޒު ގަދަވުމާއެކު، ވެރިން ޖަވާބުދާރީ ކުރުވުމާއި ވެރިންނަށް ހުތުރު އެއްޗެހި ކިޔުމާ ދެމެދު އޮންނަ ފަރަގު މިވަނީ އޮޅިފަ އެވެ. މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫނެވެ. އެހެންނަމަވެސް، ތަހުޒީބު މުޖުތަމައުތަކުގައި މިފަދަ ކަންކަން ހައްލުކޮށް، ވެރިންނަށް މުހާތަބު ކުރުމުގައި ރީތި މިންގަނޑުތަކެއް ގެންގުޅެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލާއިރު، ޑިމޮކްރެޓިކް ގައުމުތަކާއި އިސްލާމީ ގައުމުތަކުގައި ވެސް ގައުމުގެ ވެރިޔާއަށް މުހާތަބު ކުރުމުގައި ހާއްސަ އުސޫލުތަކަކާއި އަދަބުތަކެއް ހުރެ އެވެ. މިގޮތުން އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ސިންގަޕޫރު، އެމެރިކާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ ތަޖުރިބާއަށް ބަލައިލުމަކީ، ރާއްޖޭގެ ހާލަތު ވަޒަންކުރުމަށް މުހިންމު ކަމެކެވެ. އެ ގައުމުތަކުގައި ފާޑުކިޔުމާއި އިހުތިރާމް ކުރުން ވަނީ ވަރަށް ފުރިހަމައަށް ވަކިކުރެވިފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާ

ސައުދީ އަރަބިއްޔާ: އިސްލާމީ މުޖުތަމައުތަކުގެ އެންމެ ކުރީގައި އޮތް ސައުދީ އަރަބިއްޔާއަށް ބަލާއިރު، އެ ގައުމުގެ ރަސްގެފާނާއި ވަލީއަހުދަށް މުހާތަބު ކުރަނީ ވަރަށް މަތީ ދަރަޖައިގެ އިހުތިރާމަކާ އެކުގަ އެވެ. ސައުދީގައި ގައުމުގެ ވެރިންނަށް ފާޑުކިޔައި، އަބުރަށް އަރައިގަތުމަކީ ގާނޫނީ ގޮތުންނާއި ސަގާފީ ގޮތުން ވެސް މަނާކަމެކެވެ. އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ވެރިންނަށް ކިޔަމަންތެރިވުމާއި، ނަސޭހަތް ދޭން ބޭނުން ނަމަ އެކަން ރިވެތި ގޮތުގައި ކުރުމަށް އެ ގައުމުގެ ސަގާފަތް ބާރުއަޅަ އެވެ. މިއީ މުޅި އިސްލާމީ އުންމަތަށް ވެސް އޮތް ވަރަށް ރީތި ނަމޫނާއެކެވެ.

އިންޑިއާ: ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށްވާ އިންޑިއާއަށް ބަލާއިރު، އެ ގައުމުގައި ސިޔާސީ ހަލަބޮލިކަން ކިތަންމެ ބޮޑު ނަމަވެސް، ދައުލަތުގެ އިސްވެރިންނަށް މުހާތަބު ކުރުމުގައި ރީތި ބަހުރުވައެއް ގެންގުޅެ އެވެ. މިސާލަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނުވަތަ ގައުމުގެ ރައީސަށް މުހާތަބު ކުރާއިރު، "ޝްރީ" ނުވަތަ އިއްޒަތްތެރި މިފަދަ ލަގަބުތައް ބޭނުންކުރެ އެވެ. އިންޑިއާގައި މުޒާހަރާ ކުރުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އޮތް ނަމަވެސް، ވެރިންގެ އަބުރާ ބެހުމާއި ހުތުރު އެއްޗެހި ކިޔާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ހަރުދަނާ ނިޒާމެއް އޮވެ އެވެ.

އިނގިރޭސިވިލާތް: އިނގިރޭސިވިލާތަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި އޮންނަ ގައުމެކެވެ. އެ ގައުމުގެ ޕާލަމެންޓުގައި ބޮޑުވަޒީރާ ސުވާލުކުރުމުގެ ވަގުތުތަކުގައި ވަރަށް ހޫނު ބަހުސްތައް ހިނގަ އެވެ. އެހެންނަމަވެސް، އެ ބަހުސްތަކުގައި ވެސް މުހާތަބު ކުރަނީ ވަރަށް ރަސްމީކޮށް، އަދަބުވެރިކަމާ އެކުގަ އެވެ. ހަމައެހެންމެ، އެ ގައުމުގެ ރަސްގެފާނަށް ނުވަތަ ޝާހީ އާއިލާއަށް މުހާތަބު ކުރުމުގައި ގެންގުޅެނީ ވަރަށް މަތީ ފެންވަރުގެ އިހުތިރާމެކެވެ. މިއީ ޑިމޮކްރެސީއަކީ ބޭއަދަބީވުން ނޫންކަން ސާބިތުކޮށްދޭ ކަމެކެވެ.

އެމެރިކާ: އެމެރިކާއަށް ނަޒަރު ހިންގާލާއިރު، އެ ގައުމުގެ ރައީސަށް ފާޑުކިޔުމަކީ އާންމު ކަމެކެވެ. މީޑިއާތަކާއި އާންމުން ވެސް ރައީސްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި ރައީސާ މުހާތަބު ކުރާއިރު "މިސްޓަރ ޕްރެޒިޑެންޓް" ގެ ނަމުން މުހާތަބު ކުރުމަކީ ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރާ ގޮތެވެ. އެމެރިކާގެ ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، ރައީސަށް އިންޒާރު ދިނުމާއި، ހަޑިހުތުރު ބަހުން ސީދާ ގޮތެއްގައި މުހާތަބު ކުރުމަކީ މުޖުތަމައު ބަލައިގަންނަ ކަމެއް ނޫނެވެ.

ސިންގަޕޫރު: އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރުން ފެންނަނީ ތަފާތު މަންޒަރެކެވެ. ސިންގަޕޫރަކީ ޑިމޮކްރެޓިކް އުސޫލުތަކެއް އޮންނަ ގައުމަކަށް ވިޔަސް، ގައުމުގެ ހަމަޖެހުމާއި ވެރިންނަށް އިހުތިރާމް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެ ގައުމުގެ ބޮޑުވަޒީރަށް ނުވަތަ މިނިސްޓަރުންނަށް ހުތުރު ބަހުން މުހާތަބުކޮށް، އަބުރަށް އަރައިގަނެފި ނަމަ، އެ މީހަކާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅަ އެވެ. ސިންގަޕޫރުގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ސިއްރަކީ ވެސް މުއައްސަސާތަކަށާއި ވެރިންނަށް އޮންނަ އިހުތިރާމެވެ.

ޗައިނާ: އެހެން އިދާރީ ނިޒާމެއް އޮންނަ ޗައިނާއަށް ބަލާއިރު، އެ ގައުމުގެ ރައީސަށާއި ސަރުކާރުގެ އިސްވެރިންނަށް މުހާތަބު ކުރުމުގައި ގެންގުޅެނީ ވަރަށް ހަރުކަށި އަދި ރަސްމީ މިންގަނޑެކެވެ. ޗައިނާގެ ސަގާފަތުގައި ވެރިންނަށް ކިޔަމަންތެރިވުމާއި އިހުތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ގައުމުގައި ސޯޝަލް މީޑިއާގައި ނުވަތަ އާންމު ތަންތަނުގައި ވެރިންނަށް ފާޑުކިޔައި، ހުތުރު ބަސްތައް ބޭނުންކުރުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ލިބޭ ކަމެކެވެ. މިއީ އިރުމަތީގެ ސަގާފަތްތަކުގައި ވެރިންނަށް ދޭ ގަދަރު އަންގައިދޭ ކަމެކެވެ.

އިސްލާމީ އުސޫލުތައް

އިސްލާމްދީނުގެ ނަޒަރުން ބަލާއިރު ވެސް ވެރިންނަށް އިހުތިރާމް ކުރުމަކީ ދީނީ ގޮތުން ބާރުއަޅާފައިވާ ކަމެކެވެ. މުސްލިމުންގެ ވެރިންނަށް (އުލިލް އަމްރު) ކިޔަމަންތެރިވުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވެ އެވެ. ވެރިމީހާގެ ކިބައިން ގޯހެއް ފެނިއްޖެ ނަމަ، އެކަމެއް ރަނގަޅު ކުރުމަށް ނަސޭހަތް ދޭން ޖެހެނީ ރިވެތި ގޮތުގަ އެވެ. އާންމު ތަންތަނުގައި ވެރިންގެ އަބުރު ކަތިލައި، ހުތުރު އެއްޗެހި ކިޔުމަކީ އިސްލާމީ ރިވެތި އަހުލާގާ މުޅިން ހިލާފު ކަމެކެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، މި ރިވެތި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މުހާތަބު ކުރުމުގައި ބައެއް ފަރާތްތަކުން ގެންގުޅޭ ދަށް ފެންވަރުގެ މިންގަނޑުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުންނާއި، އިސްލާމީ ގައުމުތަކުން ފެންނަނީ ހިޔާލު ފާޅުކުރުމާއި ވެރިންނަށް އިހުތިރާމް ކުރުމާ ދެމެދު ރީތި ބެލެންސެއް ގެންގުޅޭ ތަނެވެ. ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވި ނަމަވެސް، ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމަށް އޮންނަ ގަދަރާއި އިހުތިރާމް ހިފެހެއްޓުމަކީ، ތަހުޒީބު މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.