ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން އެއްވެސް މިންވަރަކަށް ވާހަކަދެއްކުން މަނާކޮށް ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' އާ މި ބޭފުޅުން ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

މި މައްސަލައިގައި ކުރީގެ ދެ ރައީސުންގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާ, ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ކޯޓުގެ އަމުރާ ހިލާފުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ނަޝީދުގެ އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުން އަންނަ ކަމަށާ ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ނޫސްވެރިންގެ މައްޗަށް ހިންގަމުން ދަނީ ގާނޫނާ ހިލާފު ޝަރީއަތްތަކެއް ކަމަށާއި އެކަން ވަގުތުން ހުއްޓާލައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިން މިނިވަންކުރުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގުޅިގެން ސަރުކާރަށް ވަނީ ގޮވާލާފައެވެ. މިކަމާ ގުޅިގެން ތިން ރައީސުން އެކުގައި ބައްދަލުވުން ވެސް ބާއްވާފައިވާއިރު، ނަޝީދު ވަނީ ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން، ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ބާއްވާ އިހުތިޖާޖުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.