އިންޑިއާގެ އަވަށެއް ކަމަށްވާ ރާޖަސްތާނުގެ އުސް ޓަވަރެއްގެ މަތީ ސެލްފީ ނަގަން ތިބި 11 މީހެއްގެ ގަޔަށް ހޮނު އެޅުމުގެ ސަބަބުން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިިންޑިއާއަށް އިއްޔެ ކުރި ވިއްސާރަ އާ ގުޅިގެން ހޮނު އަޅައިގެން އެކި ހިސާބުތަކުން ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އުއްތަރް ޕްރަދޭޝް އާއި ރާޖަސްތާނުގެ އެކި އަވަށްތަަކުގެ އިތުރުން، ޖައިޕޫރްވެސް ހިމެނެއެވެ. 

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މަރުވި މީހުންގެ ތެރެއިން 41 މީހަކު މަރުވެފައި ވަނީ އުއްތަރް ޕްރަދޭޝްއިންނެވެ. އަދި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މި ހާދިސާގައި 250 ޖަނަވާރު ވެސް މަރުވެފައިވާއިރު، 20 ޖަނަވާރަކަށް އެކި ކަހަލަ އަނިޔާވެފައި ވެއެވެ.

ރިޕޯޓުތަކުގައި އިތުރަށް ބުނެފައި ވަނީ، ރާޖަސްތާނުގައި 11 މީހަކު މަރުވެފައި ވަނީ ޓަވަރެއްގެ މަތީ ސެލްފީ ނަގަން ތިއްބާ ކަމަށެވެ. ހޮނު އަޅާ އެ މަންޒަރު އެތައް ބައެއްގެ ކެމެރާއަށް އަރާފައިވާއިރު، އެއީ ވަރަށް ބާރުގަދަ ހޮނު ގުގުރިއެއް ކަމަށް ވެއެވެ. އަދި އެ އައި ބާރުމިނުގައި އެތައް ބަޔަކަށް ޝޮކެއް ޖެހުނު ކަމަށް ވެސް ވެއެވެ. އެ ހާދިސާ ހިނގި ވަގުތު އެ 11 މީހުންނާއި އެކު ޖުމުލަ ވިއްސަކަށް މީހުން އެ ޓަވަރު މަތީގައި ތިއްބެެވެ. އޭގެ ތެރެއިން އެ 11 މީހުން ފިޔަވާ ދެންތިބި މީހުންނަށް ވަނީ އެކިކަހަލަ އަނިޔާތައް ވެފައެވެ.