ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ދިފާއީ އަދި ސަލާމަތީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގައި މިއަދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރު އޮފް ޑިފެންސް ހަސަން ރަޝީދުގެ އަރިހަށް، ދިވެހިރާއްޖޭގައި ހުންނަ ޔޫއޭއީގެ އެމްބަސީގެ ޗާޖޭ އެފެއާޒް ހީބާ އަލްޖުނައިބީ ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި ގާތް ބައިލެޓްރަލް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެފަރާތުގެ ދިފާއީ ކަންކަން ކުރިއެރުވުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މީގެ އިތުރުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ސަރަހައްދީ ކަންތައްތަކާއި ތަރައްގީތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.

މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ޔޫއޭއީގެ ޗާޖޭ އެފެއާޒް ހީބާ އަލްޖުނައިބީ ކުރެއްވި މި ޒިޔާރަތުގެ ސަބަބުން ދެ ގައުމުގެ ސަލާމަތީ ގުޅުންތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.