ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބަލިމީހުންގެ ހަށިގަނޑުން ބޮޑުތަނެއް ކަފާލުމަކާ ނުލައި ކުރާ ޒަމާނީ ލޭޒަރ ސާޖަރީގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ވަނީ ރަސްމީކޮށް ފަށާފައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހުން ފަށައިގެން މި ދެ ހޮސްޕިޓަލުގެ ޖެނެރަލް ސާޖަރީ ޓީމުން ދަނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހާއްސަ 4 ވައްތަރެއްގެ އޮޕެރޭޝަނެއް ކާމިޔާބުކަމާއެކު ކުރަމުންނެވެ.
މި އާ ހިދުމަތުގެ ދަށުން މިހާރު ކުރަމުންދާ އޮޕެރޭޝަންތަކުގެ ތެރޭގައި ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އޮޕެރޭޝަން (އީވީއެލްޓީ) އާއި، ފުރަގަސްފަރާތުގެ ބަލި ނުވަތަ ޕައިލްސްއަށް ކުރާ ލޭޒަރ ސާޖަރީ ހިމެނެއެވެ. މީގެ އިތުރުން ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ އޮޕެރޭޝަން (ފިލަކް) އަދި ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ލޭޒަރ އޮޕެރޭޝަން (ސިލަކް) ވެސް މިހާރު ވަނީ މި ދެ ހޮސްޕިޓަލަށް ތައާރަފުކޮށްފައެވެ. މި ފަރުވާތަކަކީ ކުރިން ބޮޑެތި އޮޕެރޭޝަންތައް ކޮށްގެން ފަރުވާ ހޯދަންޖެހުނު ބަލިތަކެކެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި، މި އާ ހިދުމަތުގެ ސަބަބުން ބަލިމީހުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ހަށިގަނޑުން ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމުގެ ސަބަބުން ތަދުވުން ކުޑަވެ، ބަލި ވަރަށް އަވަހަށް ފަސޭހަވެގެންދާނެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޝަންވުމުގެ ފުރުސަތު ނިސްބަތުން ކުޑަވެގެންދާނެ ކަމަށް ވެސް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބުނެއެވެ.
