ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަރުދަނާ އަދި ޝާމިލު އިގްތިސާދެއް ބިނާކުރުމަށާއި އައްޑޫ ސިޓީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ. ބީސީސީން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް އައްޑޫ ސިޓީގެ 700 އަށްވުރެ ގިނަ ވިޔަފާރިއަކަށް އެ ކުންފުނިން ވަނީ ފަންނީ ލަފަޔާއި ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދީފައެވެ.

އޮކްޓޫބަރު 2023 އިން ފެށިގެން އެޕްރީލް 2026 ގެ ނިޔަލަށް އައްޑޫގެ 709 ވިޔަފާރިއަކަށް ކޮންސަލްޓޭޝަން ދީފައިވާއިރު، ބީސީސީގެ ޓީމުތަކުން ވަނީ 800 އަށްވުރެ ގިނަ ވިޔަފާރިތަކަށް އަމަލީ ގޮތުން ޒިޔާރަތްކޮށް މައުލޫމާތު ދީފައެވެ. މީގެ އިތުރުން، ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށާއި ފަންނީ ހުނަރު އިތުރުކުރުމަށްޓަކައި 277 ތަމްރީނު ޕްރޮގްރާމާއި، މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ހާއްސަ ސެމިނާތައް ވެސް އައްޑޫ ސިޓީގައި ވަނީ ބާއްވާފައެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "އިގްތިސާދީ ފުރަމަލަ" ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގގެ މަސައްކަތުގެ ދަށުން އައްޑޫގެ 645 ވިޔަފާރީގެ ތަފްސީލީ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށް ވެސް ބީސީސީން ބުނެއެވެ.

ބީސީސީން ބުނި ގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2026 ވަނަ އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ސަރަހައްދީ އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަކީ ބީސީސީގެ މައިގަނޑު އަމާޒެވެ. އައްޑޫ އިންވެސްޓްމަންޓް ޒޯން މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއި ވިޔަފާރިތަކާ ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.