އުފާވެރިކަމެއް ނެތް ގުޅުންތަކުގެ ތެރޭގައި ކުރިމަތިވާ މައްސަލަތަކުގައި އަމިއްލަ އިހުސާސްތައް ފާޅުނުކޮށް ހިފަހައްޓާ މީހުން މަރުވުމުގެ ނިސްބަތް، އެހެން މީހުންނާ އަޅާބަލާއިރު ހަތަރު ގުނަ އިތުރުވާކަން ދިރާސާތަކުން ހާމަވެއްޖެއެވެ. ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި، އަހަރެމެންގެ ހަށިގަނޑުގެ މަސައްކަތްތަކާއި ސިއްހަތަކީ ހަމައެކަނި އަމިއްލަ އެތެރެހަށީގައި ހިނގާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ. އެއީ އަހަރެމެން އެހެން މީހުންނާ ބާއްވާ ގާތް ގުޅުންތަކާއި، ދިރިއުޅޭ މާހައުލާ ވަކިނުކުރެވޭނެހާ ގާތުން ގުޅިފައިވާ ކަމެކެވެ.
ގުޅުންތަކުގެ ތެރޭގައި އުފެދޭ ރުޅިވެރިކަމާއި ދެބަސްވުންތަކުގެ ސަބަބުން ހަށިގަނޑުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ދިފާއީ ނިޒާމު ބަލިކަށިވެ، ނަފްސާނީ ފިއްތުންތަކާ ގުޅޭ ކެމިކަލް މާއްދާތައް ހަށިގަނޑުގައި އިތުރުވެގެންދެއެވެ. މިފަދަ ނުރައްކާތެރި ގުޅުންތަކުގެ ތެރޭގައި އެހެން މީހުންގެ ލޯބި ހޯދުމަށްޓަކައި އަމިއްލަ އަސްލު ނަފްސު ގުރުބާންކޮށްގެން އުޅުމަކީ މުޅި އުމުރަށް ހަށިގަނޑަށް ލިބޭ ބޮޑު ގެއްލުމަކަށް ވެގެންދާ ކަމަށް ދިރާސާގައި ބުނެއެވެ. މީގެ އިތުރުން، މައިންބަފައިންގެ މެދުގައި އޮންނަ ނުތަނަވަސް ގުޅުންތަކުގެ ސަބަބުން ކުޑަކުދިންގެ ހަށިގަނޑުގެ ނިޒާމަށް ސީދާ އަސަރުކޮށް، ނޭވާހިއްލުން ފަދަ ބަލިތައް މެދުވެރިވުމަށް މަގުފަހިވެއެވެ.
އިންސާނުންނަކީ ގުދުރަތީ ގޮތުން އެކަކު އަނެކަކާ އޯގާތެރި ގުޅުމެއް ބާއްވަން ބޭނުންވާ ބަޔަކަށްވާއިރު، އެކަނިވެރިކަމަކީ ދުވާލަކު 15 ސިނގިރޭޓް ބުއިމާ އެއްވަރުގެ ބޮޑު ގެއްލުމެއް ސިއްހަތަށް ދޭ ކަމެކެވެ. އެހެންކަމުން، އުފާވެރިކަމެއް ނެތް ކައިވެންޏެއްގައި ނުވަތަ ގުޅުމެއްގައި އުޅުމަކީ އެކަނިވެރިކޮށް އުޅުމަށްވުރެ ބޮޑަށް ސިއްހަތަށް ގެއްލުންދޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ގާތް ގުޅުންތައް ހުންނަ ގޮތަކީ އިންސާނާގެ ދުޅަހެޔޮކަމާއި އުމުރުގެ ދިގުމިން ކަނޑައަޅާ އެންމެ މުހިންމު އެއް އަސާސް ކަމުގައި ވެސް ދިރާސާގައި ބުނެދެއެވެ.
