ކުޑައިރު ކުރިމަތިވާ، ބަލާބެލުމަށް އާދައިގެ ކުދި ޓްރޯމާތަކުގެ ސަބަބުން އިންސާނާގެ އެތެރެހަށީގައި ނުފެންނަ ބޮޑު ޒަހަމެއް އުފެދި، ދިރިއުޅުމުގެ ހަގީގަތް ފެންނަ ގޮތް ބަދަލުވަނީ ރެނދުލާފައިވާ ލޯގަނޑަކުން ބަލާ ފަދަ ނުރަނގަޅު ގޮތަކަށް ކަމަށް ނަފްސާނީ ދިރާސާތަކުން ހާމަވެއްޖެއެވެ. ކުދި ޓްރޯމާއަކީ މީހުން މާ ބޮޑު ކަމަކަށް ނުބަލާ، ނަމަވެސް ހިތަށް ތަދުވާ ފަދަ ހާދިސާތަކެކެވެ. މީގެ ތެރޭގައި އެކުވެރިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި، މައިންބަފައިންގެ ފަރާތުން ބޭނުންވާ ވަރަށް އަޅާލުން ނުލިބުން ނުވަތަ އެކަށީގެންވާ ނަފްސާނީ ގުޅުމެއް ނެތުން ފަދަ ކަންކަން ހިމެނެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން އިންސާނާގެ ނަފްސަށް ކުރާ އެންމެ ބޮޑު އަސަރަކީ އަމިއްލަ އަސްލު ނަފްސާ އޮންނަ ގުޅުން ކެނޑިގެން ދިއުމެވެ. މީގެ ސަބަބުން އިންސާނާގެ ނަފްސު މާޒީގެ ހިތްދަތި ކަންކަމުގެ ތެރޭގައި ތާށިވެ، މިހާރުގެ ވަގުތުގެ އުފާވެރިކަން އިހުސާސް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އަދި އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި، ހިތުގައި ހުންނަ މަޑުމޮޅި އަދި އޯގާތެރި އިހުސާސްތައް ފޮރުވައި، ހިތް ހަރުކުރަން އިންސާނާއަށް މަޖުބޫރުވެގެންދާ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ކުދި ޓްރޯމާގެ ސަބަބުން އިންސާނާގެ ކިބައިގައި ހުންނަ އަމިއްލަ އިހުތިޔާރު ކުޑަވެ، ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމުގެ މިނިވަންކަން ގެއްލި، އަބަދުވެސް ދިފާއީ މަރުހަލާއެއްގައި ހުންނަން ޖެހެއެވެ. މީގެ އިތުރުން، އަމިއްލަ ނަފްސުގެ އަގު ވަޒަންކުރުމުގެ ގާބިލުކަން ކުޑަވެ، މީހުންނަށް އިތުބާރު ކުރުމާއި އަމިއްލަ އިހުސާސްތައް ބަޔާންކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ޖުމްލަގޮތެއްގައި، މިފަދަ ޓްރޯމާތަކަކީ ބަލާބެލުމަށް ކުޑަ ކަމަކަށް ވިޔަސް، މިއީ އިންސާނާގެ ސިކުނޑި ބިނާވުމަށާއި އޭނާގެ މުޅި އުމުރުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމެވެ.
