މާލޭގެ ހެންވޭރު ފިލިގަސްމަގުގައި ހުންނަ ގެއެއްގައި އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ގޭސް ގޮވައި، އެކަކަށް ކުދި އަނިޔާތަކެއް ލިބިއްޖެއެވެ. ގޭސް ލީކުވެގެން ހިނގި މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މި ގޮވުމުގެ ސަބަބުން ގޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް، ބިއްލޫރިކޮޅުތައް މަގުމައްޗަށް ބުރައިގެން ގޮސްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ ވައި ބަންދުކޮށްފައި ހުރި ތަނެއްގައި ގޭސް ލީކުވެފައި ހުއްޓައި، ގޭސް ލީކުވިކަން ނޭނގި އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ. އުނދުނުގެ އަލިފާން ވައިގެ ތެރޭގައި ހުރި ގޭހުގައި ހިފައި ޕްރެޝަރަށް ބަދަލުވުމުގެ ސަބަބުން ބޮޑު އަޑަކާއެކު ގޮވުން ގޮވީއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނި ގޮތުގައި ތަނެއްގައި އިތުރަށް އަލިފާނެއް ނުހިފައެވެ. ނަމަވެސް، ގޮވި އަޑަށް ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.

ގޭސް ލީކުވެ، ބަދިގެ ފަދަ ތަންތަނުގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ގޭސް ލީކުވުމުގެ ސަބަބުން، މީގެ ކުރިން ވެސް ރާއްޖޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައި، އެތައް ބަޔެއްގެ ފުރާނައަށް ނުރައްކާވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެހެންކަމުން ބަދިގޭގައި ގޭސް ބޭނުންކުރުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.